ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމުން އިއްޔެ އިސްތިއުފާ ދެއްވި އަބްދުލް މާނިއު ވެސް ހިމެނޭ ގޮތަށް، ހައި ކޯޓްގެ ފަނޑިޔާރު ކަމަށް ޖުމްލަ ހަ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ޖޭއެސްސީން ބުނީ އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ދެން ހިމެނެނީ ގއ. ގެމަނަފުށި މިސްކިތްދޮށުގޭ އަބްދުއްސަލާމާއި ބ. މާޅޮހު ޖަވާހިރުމާގޭ ރުޝްދުﷲ އިބްރާހީމާއި އައްޑޫ މދޫ ހުދުވިލާގޭ އަހްމަދު ނައުޝާދާއިި ބ. ކިހާދޫ ގާޑެނިޔަވިލާ އަލީ ނަސީރުގެ އިތުރުން މާލޭގެ ތާޖު މަރްޔަމް ނިހާޔަތު ކަމަށެވެ.
ހައި ކޯޓްގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވައިލީ އެ މަގާމުގައި ހުންނެވި އުހްމަދު ޝަކީލް ރިޓަޔަކުރެއްވުމާ ގުޅިގެންނެވެ. އެގޮތުން ފަނޑިޔާރަކު ހޯދަން މި މަހުގެ 5 ގައި އިއުލާންކޮށް، ސުންގަޑި ހަމަވީ އިއްޔެއަށެވެ.
ހއ. އިހަވަންދު އަށް ނިސްބަތްވާ މާނިއު ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަންކުރީ 2019 ގެ ޖުލައިގަ އެވެ. އޭނަ ޖޭއެސްސީން އިސްތިއުފާ ދެއްވީ ހައި ކޯޓްގެ ފަނޑުިޔާރު ކަމަށް ވަޑައިގަންނަވަން ބޭނުންވާތީ އެވެ.