Last Updated: May 3, 10:52
Saturday, May 3, 2025
ޚަބަރު

އީވާ ވަކިކުރަން ހުށަހަޅަން ފާސްކޮށްފި

ނައިބުރައީސް އީވާ އަބްދުﷲ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ މަގާމުން ދުރުކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ފާސްކޮށްފިއެވެ.

އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން އެގޮތަށް ފާސްކޮށްފައިވަނީ މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ސޮއި ހޯދަން އެމްޑީޕީން އިއްޔަ ފެށިއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ ހުށަހެޅުމަށް ބޭނުންވާ އަދަދަށް މިހާރު ވަނީ ސޮއި ހަމަކުރެވިފައެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް ހުށަހެޅުމަށް އެމްޑީޕީން ނިންމާ އެ މަސައްކަތް ކުރަމުންގެންދާއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާ އެ މައްސަލަ ކުރިއަށް ގެންދެވޭތޯ އެމްޑީޕީގެ މެންބަރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް އެ މައްސަލައިގެ ޖަލްސާ އަދި ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

އެގޮތުން މިއަދުވެސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަލްސާއެއް ބޭއްވުމަށް ތާވަލު ކޮށްފައިވެއެވެ.