Last Updated: May 3, 10:37
Saturday, May 3, 2025
ޚަބަރު

އިތުބާރު ނެތްކަމުގެ ޖަލްސާ މެދުކަނޑާލައިފި

ރައްޔިތުންގެ މަޖިލީހުގައި ނިޒާމު ނެތްކަމަށްބުނެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބާއްވަން ތާވަލު ކުރި ޖަލްސާ ފެށުމަށްފަހު މެދުކަނޑާލައިފިއެވެ.

މިއަދު 11:00 އަށް މަޖިލީހުގައި އެޖެންޑާ ކޮށްފައިވާ ޖަލްސާގެ އެޖެންޑާގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެވެ. އެހެންނަމަވެސް ޖަލްސާ ފެށިއިރު އެމްޑީޕީގެ މެންބަރުންނާއި ޑިމޮކްރެޓްސްގެ މެންބަރުން ތިބީ ތަޅުމުގައި ކޮޅަށެވެ. އަދި މަޖިލީހުގައި މެންބަރުން ދިޔައީ އަޑުގަދަ ކުރަމުންނެވެ.

އެހެންކަމުން ޖަލްސާ ފެށުމަށްފަހު ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ޖަލްސާގެ މިއަދުގެ ނިޒާމު އޮތީ ޖަލްސާ މިވަގުތު ކުރިއަށް ގެންދެވޭ ގޮތަށް ނޫންކަމަށެވެ.

"އެހެންމަ އަޅުގަނޑު މިވަގުތު ނިޒާމު ލިބެންދެން ޖަލްސާ މިވަގުތަށް މެދުކަނޑާލާނަން." އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ދެން ޖަލްސާ ބާއްވާނެ ގަޑިއެއް ފަހުން އަންގަވާނެ ކަމަށެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޖަލްސާ ނުބޭއްވުނުއިރު، ބަޖެޓް ހުށަހަޅަން މިއަދު ހެނދުނު ބާއްވަން އުޅުނު ޖަލްސާވެސް ބޭއްވިފައެއް ނުވެއެވެ. އެ ޖަލްސާ ނުބޭއްވުނީ އެމްޑީޕީގެ މެންބަރުން ޖަލްސާ ބޯއިކޮޓް ކުރުމުންނެވެ.