Last Updated: May 3, 10:07
Saturday, May 3, 2025
ޚަބަރު

ހާރިޖީ ހިދުމަތުގެ މަތިވެރި ޝަރަފު ހަލީލާއި ލަތީފަށް

ފޮޓޯ: ރައީސް އޮފީސް

ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަހްމަދު ހަލީލް އަދި ފޮރިން ސެކްރެޓެރީ އަހްމަދު ލަތީފަށް އަރުވައިފިއެވެ.

މި ދެބޭފުޅުންނަށް ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު އަރުވާފައިވަނީ މިއަދު ހެނދުނު މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއަޔާތެއްގައެވެ. ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި މި ދެ ބޭފުޅުންނަށް އަރުވާފައިވަނީ މެޑެއްޔަކާއި، އައްޑަނައަކާއި، ހަނދާނީ ލިޔުމެކެވެ.

އަހްމަދު ހަލީލް، ހާރިޖީ ދާއިރާގައި ހިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 41 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާއިރު، މެދުކެނޑުމެއްނެތި މި ދާއިރާގެ އެންމެ އާދައިގެ މަޤާމުތަކުން ފެށިގެން އެންމެމަތީ ފަންތީގެ ގިނަ މަޤާމުތަކެއްގައި ހުންނަވައިގެން، ގިނަގުނަ ޚިދުމަތްތަކެއް، ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވެއެވެ.

މީގެ އިތުރުން އަހުމަދު ލަތީފްވެސް ވަނީ 1981 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހާރިޖީ ދާއިރާގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

މި ދެބޭފުޅުންނަށް ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމަށް ރައީސް ސޯލިހް ނިންމެވީ، ދިވެހި ދައުލަތުގެ އެންމެމަތީ މަސްލަހަތު ހިފެހެއްޓެވުމަށާއި، އަދި ބޭރު ޤައުމުތަކާއި، ބައިނަލްއަޤްވާމީ ޖަމުއިއްޔާ ޖަމާއަތްތަކާއި، ރާއްޖެއާ ދެމެދު އުފެދިފައިވާ ގާތް ގުޅުން ބަދަހިކުރެއްވުމަށާއި، ރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ކުރައްވާފައިވާ މަސައްކަތްތަކާއި، ބޭރުގެ އެކި ޤައުމުތަކުންނާއި، ބައިނަލްއަޤްވާމީ އެކިއެކި ޖަމުއިއްޔާތަކާއި ޖަމާއަތްތަކުން ރާއްޖެއަށް ލިބިފައިވާ އެހީތެރިކަމާއި އެއްބާރުލުމުގައި މި ދެބޭފުޅުން ވެދެއްވާފައިވާ ހިއްސާއާއި، ރާއްޖޭގެ ރައްޔިތުންނަށް ބޭރުގެ އެކި ޤައުމުތަކުން އެކިއެކި ލުއިފަސޭހަތައް ހޯއްދަވައިދެއްވުމަށާއި، ރާއްޖޭގެ ހާރިޖީ ދާއިރާގެ ކުރިއެރުމަށާއި ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.