ވެރިކަމުގެ ފަސް އަހަރު ހާރިޖީ ސިޔާސަތު ބައްޓަން ކޮށްފައިވާނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މައްޗަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަހްމަދު ހަލީލް އަދި ފޮރިން ސެކްރެޓެރީ އަހްމަދު ލަތީފަށް އެރުވުމަށް ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވިއިރު ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެފައި ކަމަށެވެ. އަދި ބައިނަލްއަޤުވާމީ ޖަމާއަތްތަކާ ދެމެދު އޮންނަ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފައި ކަމަށެވެ. އަދި ބައެއް އިސްލާމީ ޤައުމުތަކާއި ރާއްޖެއާ ދެމެދު ގުޅުން ކެނޑިފައި އޭރު އޮތުމަކީ، ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ދެރައެއް އަދި ނިކަމެތިކަމެއްކަން ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވަނީ އަލުން ގުޅުން ޤާއިމުކޮށް، ބައިނަލްއަޤުވާމީ މުޖްތަމައުގައި ދިވެހިރާއްޖެއަށް އަލުން އަނބުރާ އިތުބާރާއި ޔަޤީންކަން ހޯއްދެވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ސޯލިހްގެ ވާހަކަފުޅުގައި، ކޯވިޑް-19ގެ ވަބާ މުޅި ދުނިޔޭގައި ފެތުރި، ހުރިހާ ޤައުމުތަކެއް ފުރަބަންދުގެ ޙާލަތުގައި އޮތް އިރު، ޚާރިޖީ ޚިދުމަތުގައި ތިއްބެވި ބޭފުޅުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ހާރިޖީ ދާއިރާ އިތުރަށް ތަރައްޤީވެ، ބައިނަލްއަޤުވާމީ މަސްރަޙުގައި ދިވެހި ދިދަ މިހާރަށް ވުރެ ވެސް އުހުގައި ވިހުރެމުން ދިއުމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.