ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 50 މެންބަރުންގެ ސޮޔާއެކުއެވެ. މީގެތެރޭގައި ހިމެނެނީ އެމްޑީޕީގެ 49 މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހެޅިއިރު، ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލީހަށް އޮތީ ހުށަހަޅާފައެވެ. އެހެންނަމަވެސް އެ މައްސަލަ އަދިވެސް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުމުންވެސް އެކަން ކާމިޔާބު ނުވީ އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް އީވާ ރިޔާސަތުގައި އިންނެވުމުން އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމުންނެވެ.
ރިޔާސީ އިންތިހާބުގެ ކުރިންވެސް ރައްޔިތުންގެ މަޖިލީހަށް ރައީސް ނަޝީދު އަދި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިއެވެ. އެހެންނަމަވެސް އެފަހަރު އެ މައްސަލަތައް އެމްޑީޕީން އަނބުރާ ގެންދިޔައީއެވެ.