ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ އަށް ނުބެލެހެއްޓޭނެ ކަމަށް މާމިނގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ޖަލްސާ މިއަދު ފަށާފައިވަނީ 11:00 ގައެވެ. އެހެންނަމަވެސް އެމްޑީޕީގެ މެންބަރުންގެ އިހުތިޖާޖާ ގުޅިގެން ޖަލްސާ މެދުކަނޑާލުމަށްފަހު ދެން ފެށިއިރު ޑިމޮކްރެޓްސްގެ މެންބަރުން ވަނީ މަޖިލީހުގައި އިހުތިޖާޖު ފަށާފައެވެ.
ޑިމޮކްރެޓްސްގެ މެންބަރުންގެ އިހުތިޖާޖާ ގުޅިގެން ޖަލްސާ މެދުކަނޑާލުމަށްފަހު ކުރިއަށް ގެންދިއުމަށް ދެން މަސައްކަތް ކުރުމުންވެސް މެންބަރުން ވަނީ ތަޅުމުގައި އަޑުގަދަކޮށް ހަދާފައެވެ. އެގޮތަށް މެންބަރުން އަޑުގަދަ ކުރަމުން ދަނިކޮށް މެންބަރު ޤާސިމް ނިޒާމީ ނުކުތާ ނަންގަވާ ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު ކުރިއަށް ގެންދިއުމަށް ފުރުސަތު މެންބަރުން ނުދީ، މަޖިލީހުގައި ހަޅުތާލުކޮށް ހަދަމުންދިިއުމަކީ ރައްޔިތުންގެ މަސްލަހަތަށް އުނިވާނެ ކަމެއް ކަމަށެވެ.
މީގެއިތުރުން ޤާސިމް ވަނީ އީވާއަށް އެ ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް ވިދާޅުވެ ރިޔާސަތުން ފައިބާވަޑައިގަތުމަށް އީވާ އަށް ގޮވާލައްވާފައެވެ.
ޤާސިމްގެ ނިޒާމީ ނުކުތާއާ ގުޅިގެން ރިޔާސަތުގައި އިންނަވާ އީވާ ވިދާޅުވީ ޤާސިމްގެ ވާހަކަތަކުން ނިޒާމީ ނުކުތާއެއް ފާހަގަ ނުވާ ކަމަށެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި މަޖިލިސް ހުއްޓިފައި އޮތްއިރު ނައިބުރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އެެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މަޖިލީހުގެ 50 މެންބަރުންގެ ސޮޔާއެކުއެވެ.