އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާފު ދެއްވައިފިއެވެ.
އިތުބާރު ހުރި މަސްދަރަކުން "އައްޑޫލައިވް" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ރައީސް ސޯލިހް މިއަދު އަދީބު އަދި ޒިޔަތުގެ އަދަބު ލުއި ކޮށްދެއްވާފައިވާ ކަމަށެވެ. އޭގެ ސަބަބުން އަދީބު އަދި ޒިޔަތު މިނިވަން ވެފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި އަދީބު އަދި ޒިޔަތު މިނިވަން ވާނެއެވެ.
ރައީސް ސޯލިހް މިދެބޭފުޅުންނަށް މާފު ދެއްވާފައިވާއިރު ރައީސް ސޯލިހްގެ ވެރިކަން ނިމެން އޮތީ ގާތްގަނޑަކަށް 3 ދުވައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ. މި މައްސަލައިގައި ޒިޔަތުގެ މައްޗަށް ވަނީ 30 އަހަރަށް ވުރެއް ދިގު މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. އެހެންނަމަވެސް އަދީބުވެސް އަދި ޒިޔަތުވެސް މިވަގުތު ހުންނެވީ ގޭބަންދުގައެވެ.
އަދީބު އަދި ޒިޔަތަށް މާފު ދެއްވާ މިނިވަން ކޮށްފައިވާއިރު މި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް މިއަދު ހިނގަމުންދާއިރު އެމްއެމްޕީއާރްސީގެ އިތުރު މައްސަލަތަކެއްގައި ރައީސް ޔަމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައިވެސް އަންނަނީ ހިނގަމުންނެވެ.