ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ޒެކް ސްނައިޑާގެ އާ ފިލްމު "ރެބެލް މޫން-ޕާޓް ވަން: އަ ޗައިޑްލް އޮފް ފަޔާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
އަންނަ މަހުގެ 15 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ މި ފިލްމަކީ ސްޕޭސް އޮޕެރާއެކެވެ. "ރެބެލް މޫން" އަންނަ މަހުގެ 15 ގައި ފިލްމު ލިމިޓެޑް ސިނަމާތަކަށް ގެނައުމަށް ފަހު، އެ މަހުގެ 22 ގައި ނެޓްފްލިކްސް ދޫކޮށްލާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.
ޖުމްލަ 166 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމުގެ ކާސްޓްގައި ސޯފިއާ ބާޓޭލާ، ޗާލީ ހެނަމް، އެންތަނީ ހޮޕްކިންސް، ޖެނާ މެލޯން، ކްލިއަޕަޓްރާ ކޯލްމަން، އެޑް ސްކްރެއިން، ޑޫނާ ބައޭ އަދި ރޭ ފިޝާ ހިމެނެ އެވެ.
ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމުތައް ކަމަށްވާ "300" އާއި "މޭން އޮފް ސްޓީލް" އަދި "ޖަސްޓިސް ލީގް" ފަދަ ފިލްމުތައް ގެނެސްދިން ސްނައިޑާގެ އެންމެ ފަހުން ބެލުންތެރިންނަށް ދޫކޮށްލި ފިލްމަކީ 2021 ގެ "އާމީ އޮފް ދެ ޑެޑް" އެވެ.