Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ގާޒާގެ ކުޑަކުދިން ފަރުވާ އަށް ނެދަލޭންޑްސް އަށް

ފަލަސްތީނުގެ ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި އަނިޔާވެފައިވާ މީހުންނާއި ކުޑަކުދިންނަށް އެހީވުމަށް ނެދަލޭންޑްސް އިން ނިންމައިފި އެވެ.

ނެދަލޭންޑްސްގެ ފޮރިން މިނިސްޓަރު ހަންކޭ ބްރުއިންސް ސްލޮޓް ވިދާޅުވީ ގާޒާގެ ހާލަތާއި މެދު ކަންބޮޑުވާ ކަމަށާއި ފަލަސްތީނު ރައްޔިތުންނަށް މިވަގުތު ސިއްހީ ފަރުވާގެ ހިދުމަތް އިންތިހާ އަށް ބޭނުންވެފައިވާ ކަމަށެވެ. އެގޮތުން އަނިޔާ ލިބިފައިވާ މީހުންނާއި ކުޑަކުދިން ނެދަލޭންޑްސް އަށް ގެންގޮސްގެން ފަރުވާ ދެވޭނެ ގޮތަކާ މެދު ކަމާގުޅޭ ފަރާތްތަކާ އެކީ މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އިޒްރޭލުން މެދުކެނޑުމެއް ނެތި ދެމުންދާ ހަމަލާތަކުގައި އަނިޔާވި ގިނަ ބަޔަކު މިހާރު ވެސް ވަނީ ގާޒާ ދޫކޮށް އިތުރު ފަރުވާ އަށް މިސްރަށް ގޮސްފަ އެވެ. އަދި ފާއިތުވި ދުވަސްތަކުގައި ގާޒާގެ އެކި ހޮސްޕިޓަލުތަކަށް ހަމަލާތައް އިޒްރޭލުން އަމާޒުކުރުން އިތުރުކޮށްފައިވާއިރު ގާޒާގެ ގިނަ ހޮސްޕިޓަލުތަކެއްގެ ހިދުމަތް މިހާރު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ހަނގުރާމަ ހުއްޓާލަން ގިނަ ގައުމުތަކަކުން އިޒްރޭލަށް ގޮވާލި ނަމަވެސް އެގައުމުން ވަނީ ހަނގުރާމަ ހުއްޓާލާނީ ހަމާސް ޖަމާއަތް ބަލިކުރުމަށްފަހު ކަމަށް ބުނެފަ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާތައް ދެމުން އަންނަތާ މަހެއް ވެފައިވާއިރު މި ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 11،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.