Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

34 އަހަރު ފަހުން "ދި އެބީސް" ސިނަމާތަކަށް

ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ޖޭމްސް ކެމަރޮން މީގެ 34 އަހަރު ކުރިން ގެނެސްދިން ސައިންސް ފިކްޝަން ފިލްމު "ދި އެބީސް" އަންނަ މަހު ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

އެންމެ ދުވަހަކަށް ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 16 ގަ އެވެ. ކުރީގެ ހަނދާންތަކެއް އާކޮށްލަން ބެލުންތެރިންނަށް ފުރުސަތު ދޭން "ދި އެބީސް: ސްޕެޝަލް އެޑިޝަން" ސިނަމާތަކަށް ގެންނަ އިރު، ފިލްމު ވަނީ ފޯކޭ އަށް ރީމާސްޓާކޮށް، މި ޒަމާނުގެ ކޮލިޓީ އަށް ފައްތައިފައި ކަމަށް ކެމެރޮން އާންމުކުރި ޕޯސްޓެއްގައި ބުންޏެވެ.

މި ފިލްމު ފުރަތަމަ ބެލުންތެރިންނަށް ގެނެސްދިނީ އޮގަސްޓް 9، 1989 ގަ އެވެ. ޖުމްލަ 47 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް އާމްދަނީގެ ގޮތުގައި 90 މިލިއަން ޑޮލަރު ލިބުނެވެ. "ދި އެބީސް" ގެ ކާސްޓްގައި އެޑް ހެރިސް، މޭރީ އެލިޒަބަތު، މަސްޓްރަޓަންޓޯނިއާގެ އިތުރުން މައިކަލް ބީން ހިމެނެ އެވެ.

މި ފިލްމަކީ އޮސްކާ އެވޯޑްސްގައި އެންމެ މޮޅު ވިޝުއަލް އިފެކްޓްސްގެ އެވޯޑް ހޯދި ފިލްމެކެވެ.

ކެމަރޮން" އަކީ "ޓާނިމޭޓާ" އާއި "ޓައިޓޭނިކް" އަދި "އެވަޓާ" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން، 2009 ގެ "އެވަޓާ" ގެ ސީކްއެލް "އެވަޓާ: ދަ ވޭ އޮފް ވޯޓާ" އެވެ.