ބަތަލާ ތާރާ ސުތާރިއާ އޮތް ގުޅުން މި އަހަރުގެ ކުރީކޮޅު ނިމުމަކަށް އައި އެކްޓަރަކު އާދާރު ޖެއިން އާ ލޯބިވެރިޔަކު ހޯދައިފި އެވެ.
އޭނަގެ އާ ބައިވެރިޔާއާ އެކީ މީގެ ދެ ރޭ ކުރިން ވަނީ ދިވާލީ ޕާޓީއަކުން ވެސް ފެނިފަ އެވެ. މަޝްހޫރު ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި ކަރީނާ ކަޕޫޒްގެ ކަޒިންގެ އާ ބައިވެރިޔާ އަކީ އަލޭކާ އަދުވާނީ އެވެ. އޭނަ އަކީ ވެލްނެސް ކުންފުންޏެއް ކަމަށްވާ "ވޭ ވެލް" ގެ ބާނީ އެވެ. އެ ދާއިރާ އިން އަލޭކާ ކިޔެވީ އެމެރިކާއިންނެވެ.
އާދާރާ އެކީ އޭނަ ފުރަތަމަ ފެނުނީ މީގެ ދެ ރޭ ކުރިން ކަރީނާ ކަޕޫރް ބޭއްވި ދިވާލީ ޕާޓީ އަށް ހާޒިރު ވަނިކޮށެވެ. އަތުގުޅާވައިގެން ދެ މީހުން ފެނުނު އިރު، މީޑިއާތަކަށް ފޮޓޯ އާއި ވީޑިއޯ ނަގަން ފުރުސަތު ވެސް ދިނެވެ. އޭގެ ފަހުން އާދާރު މި ވަނީ އަލޭކާގެ އަތުގައި ހިފައިގެން ނަފާގައިވާ ފޮޓޯއެއް އިންސްޓްގްރާމްގައި އާންމުކޮށްފަ އެވެ. އޭގެ ކެޕްޝަނަކަށް އިނީ "ލައިޓް އޮފް މައި ލައިފް" އެވެ.
އެ ފޮޓޯ އަށް ރަންބީރްގެ ދައްތަ ރިދިމާ ކަޕޫރް ކޮމެންޓްކޮށް، އާދަރުގެ އައްޔާ ބައްދަލުވާ ހިތުން ކެތްމަދުވެފައި ހުރި ކަމަށް ބުނެފައިވެ އެވެ.
ރިޕޯޓްތައް ބުނާގޮތުން އަލޭކޭ އަކީ ތާރާގެ ވެސް ވަރަށް ގާތް އެކުވެރިއެކެވެ. އާދާރާއި ތާރާ ރުޅިވި ފަހުން، ކާތިކް އާރިއާނާއި ތާރާ ރައްޓެހިވެގެން އުޅޭ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ ހަފުތާގައި މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ތާރާ ބުނީ އޭނަ ހުރީ ހުސްކޮށް ކަމަށެވެ.
ތާރާ އަކީ 2019 ގެ ފިލްމު "ސްޓޫޑެންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ނުކުތް ބަތަލާއެކެވެ.