މީޑިއާތަކަށް ހާއްސަކޮށްގެން މާލެ މީޑިއާ ވިލެޖެއް ތަރައްގީކޮށް، ނޫސްވެރިކަމާއި މީޑިއާގެ ރޮނގުން ހިލޭ ކިޔެވުމުގެ ސްކޮލަޝިޕްތަކެއް ތައާރަފު ދެއްވާބނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މީޑިއާތަކާ ރޭ ބައްދަލުކުރައްވައި އެ މަނިކުފާނު ވަނީ ނޫސްވެރިންގެ ކަންބޮޑުވުންތަކާއި އެ ދާއިރާ އިތުރަށް ތަރައްގީކުރުމާ ގުޅޭގޮތުން ނޫސްވެރިންގެ ޚިޔާލު ރޭ ހޯއްދެވި އެވެ.
މުއިއްޒު ވިދާޅުވީ މީޑިއާ އެޖެންސީތައް ހިންގަން ތަންތަން ކުއްޔަށް ނަގައިގެން އޮފީސް ހަދަން ޖެހުމަކީ ކަންބޮޑުވުމަކަށްވާތީ ޕްލޭނެއްގެ ތެރެއިން އެ ކަން ހައްލުކޮށް ދެއްވާނެ ކަމަށެވެ.
"އެގޮތުން ކުރިއަށް އޮތް ތަނުގައި އެ ކަމަށް ޓަކައި މާލެ ސިޓީ، ގްރޭޓާ މާލޭ ރީޖަންގައި އެކަށީގެންވާ ފެސިލިޓީއެއް ގާއިމްކުރުން، މީޑިއާ ވިލެޖެއް އިރާދަކުރެއްވިއްޔާ ގާއިމްކުރުމުގެ ކޮންސެޕްޓުގެ ތެރެއިން އިރާދަކުރެއްވިއްޔާ އެ ކަމަށް މަގުފަހިކުރާނަން." އެ މަނިކުފާނު ވިދާޅުވި އެވެ. "އަޅުގަނޑުމެން ގަސްތުކުރަނީ މީޑިއާގެ ނޫސްވެރިކަމުގެ ދާއިރާގެ ކޯސްތަކުގައި ކޮންމެ އަހަރަކު ވެސް ވަކި އަދަދެއްގެ ކޯސްތަކުގައި ސްކޮލަޝިޕް ދީގެން ހިލޭ ކިޔެވޭނެ ގޮތް އަޅުގަނޑުމެން ހަމަޖައްސައި ދޭން."
މުއިއްޒު ވިދާޅުވީ މިއީ ތައުލީމު ހާސިލްކޮށްގެން ޒުވާނުން މީޑިއާގެ ދާއިރާއަށް ވަންނަން މަގުފަހިކޮށް ދެއްވުމަކީ އިސްކަން ދެއްވާނެ ކަމެއް ކަމަށެވެ.