ބަތަލާ މުރްނާލް ތާކޫރާ ޑޭޓްކުރަމުން އަންނަ ކަމަށް ބުނެ މީޑިއާތަކުން، ފެތުރި ވާހަކަ އިންޑިއާގެ މަޝްހޫރު މިއުޒިޝަން ބާދުޝާ ދޮގުކޮށްފި އެވެ.
އިންސްޓަގްރާމް ސްޓޯރީގައި އޭނަ އާންމުކުރި ޕޯސްޓެއްގައި ބުނީ "ތިޔަ ހީކުރާ ކަހަލަ ކަމެއް ނެތް" ކަމަށެވެ.
ރެޕާއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި ބާދުޝާ، 37، އަކީ މީގެ ކުރިން ކައިވެންޏެއްކޮށް، ކައިވެނި ރޫޅިފައިވާ ފަންނާނެކެވެ. އޭނަ އާއި ޖޭސްމިން މަސީހްގެ ކައިވެނި ނިމުމަކަށް އައީ 2020 ގަ އެވެ. ދެހާސް ބާރައިގައި ކުރި ކައިވެނި ރޫޅުނު އިރު ދަރިޔަކު ވެސް ލިބިފައިވެ އެވެ.

ބާދުޝާ އާއި މުރްނާކް ޑޭޓްކުރަމު އަންނަކަމުގެ ވާހަކަތަކެއް ފެންމަތިވި އިރު، 2012 ގެ ޕަންޖާބީ ފިލްމު "ޖަޓް އެންޑް ޖޫލިއަޓް" އިން އެކްޓިން އަށް ނުކުތް އީޝާ ރިކީ، 29، އާ ބާދުޝާ ރައްޓެހިވެގެން އުޅޭކަމުގެ އަޑުތަކެއް މިދިޔަ އަހަރުގެ ފަހުކޮޅު އެރި އެވެ.
މުރްނާލް، 31، އަކީ މިހާރު ބޮލީވުޑުންގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ބަތަލާ އެވެ. އޭނަ އަކީ ހިންދީ ފިލްމުތަކުގެ އިތުރުން އިންޑިއާގެ ދެކުނުގެ ފިލްމުތަކުގައި ވެސް މަސައްކަތް ކުރަމުން އަންނަ ބަތަލާއެކެވެ. މުރްނާލްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި "ޕިއްޕާ" އެވެ. އޭގެ ބަތަލަކީ ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ހައްތަރެވެ.
މުރްނާލް އާއި ބާދްޝާ އެކީގައި ވީޑިއޯ ލަވައެއް ކުޅެފައިވެ އެވެ.