Last Updated: May 2, 12:12
Thursday, May 2, 2024
ޚަބަރު

އެފްކޯންސްގެ ޖޫރިމަނާ މައާފްނުކުރަން ނިންމައިފި

ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތަށް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި، ލިބުނު ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި ކުރި ޖޫރިމަނާ މައާފް ނުކުރަން އެންވަޔަރަމަންޓު މިނިސްޓްރީން ނިންމައިފި އެވެ.

އީޕީއޭ އިން ހެދި ދިރާސާއަށް ފަހު ފަރަށް ލިބުނު ގެއްލުމުގެ ޖޫރިމަނާއެއްގެ ގޮތުގައި 69.4 މިލިއަން ރުފިޔާ ދެއްކުމަށް އެފްކޮންސް އަށް ވަނީ އަންގާފަ އެވެ. ނަމަވެސް އެފްކޮންސް އިން ވަނީ ނިންމުން ބަލައިނުގަނެ އެ މައްސަލަ އެންވަޔަރަމަންޓު މިނިސްޓްރީގައި އެ މައްސަލަ އިސްތިއުނާފު ކޮށްފަ އެވެ.

މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖޫރިމަނާ މައާފް ނުކުރަން ނިންމާފައި ވަނީ ޓެކްނިކަލް ގޮތުންނާއި ގާނޫނީ ގޮތުން ބަލަންޖެހޭ އެންމެހާ ބެލުންތައް ބެލުމަށްފަހު ކަމަށެވެ.

އެގޮތުން މި މައްސަލަ މިނިސްޓްރީން ބެލުމުން ފާހަގަކުރެވުނު ގޮތުގައި، ނަގަންޖެހޭ ކޮންޓްރޯލް މެޝާރސްތަކާއެކު އުޅަނދު ފަރަށް އެރި ހާދިސާ އިން ރައްކާތެރިވުމުގެ ފުރުސަތު މަސައްކަތުގެ ކޮންޓެރެކްޓަރަށް އޮތް ކަމަށާއި އެހެންކަމުން، މި މައްސަލާގައި އީޕީއޭ އިން ކަނޑައަޅާފައިވާ ޖުރިމާނާ މުރާޖަޢާކޮށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަން ފާހަގަވާ ކަމަށެވެ.

މިގޮތަށް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާ ނުވަތަ އެ ފައިސާއިން ބައެއް ތިމާވެށްޓަށް ލިބޭ ގެއްލުން އިއާދަކުރުމަށް ހޭދަކުރުމަށް އީޕީއޭ އަށް ލިބުމަކީ މުހިއްމު ކަމެއްކަމުގައި ސަރުކާރުން ދެކޭ ކަމަށާއި މި މައްސަލައިގެ ޖޫރިމަނާ ގެ ގޮތުގައި ލިބޭ ފައިސާއިން 15 މިލިއަން ރުފިޔާ އީޕީއޭ ގެ "އެންވަޔަރަންމަންޓް ރެސްޓްރޯޝަން ފަންޑް" އަށް ޖަމާކުރުމަށް ވަނީ ނިންމާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

މި ފައިސާ، ވިލިމާލެ ފަރަށް ލިބުނު ގެއްލުން ރަނގަޅުކުރުމަށާއި އަދި މިފަދަ މަސައްކަތްތައް ކުރުމަށް އީޕީއޭ ގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންކުރުމަށް ވަނީ ނިންމާފަ އެވެ.