Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ރަނގަޅު ވާނީ ގާޒާގެ ރައްޔިތުން އެހެން ގައުމުތަކަށް ދިޔުން

ފަލަސްތީނުގެ ގާޒާގެ ރައްޔިތުން އެހެން ގައުމުތަކަށް ހިޖުރަކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އިޒްރޭލުގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮރިޗް ވިދާޅުވެއްޖެ އެވެ.

އިޒްރޭލުގެ ފިނޭންސް މިނިސްޓަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާޒާގެ ރައްޔިތުން ދުނިޔޭގެ އެކި ގައުމުތަކަށް ގެންދިޔުމަށް ކުރާ މަސައްކަތަށް ފުރިހަމަ އަށް ތާއީދުކުރާ ކަމަށާއި މިއީ ގާޒާގެ ރައްޔިތުންނާއި އަދި މުޅި ސަރަހައްދަށް ވެސް އޮތް އެންމެ ރަނގަޅު ހައްލެއް ކަމަށެވެ. ގާޒާ އަކީ "ކުޑަ ގޮޅިއެއް" ފަދަ ތަނެއްގެ ގޮތުގައި ސިފަކުރަމުން އޭނާ ވަނީ މިނިވަންތަނެއްގެ ގޮތުގައި ގާޒާ ދިގު މުއްދަތެއް ވަންދެން އޮތުމުގެ ފުރުސަތު ކުޑަ ކަމަށްވެސް ވިދާޅުވި އެވެ.

އަދި ގާޒާގެ ރައްޔިތުން އެހެން ގައުމުތަކަށް ދިޔުމަކީ ޔަހޫދީންނާއި އަރަބިން އުފުލަމުންދާ ހިތްދަތި ކަމަށް ނިމުން ގެނުވާނެ ހަމައެކަނި ގޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިޒްރޭލުގެ ފިނޭންސް މިނިސްޓަރު މި ވާހަކަތައް ފަލަސްތީނު ސަރުކާރުން ވަނީ ކުށްވެރިކޮށްފަ އެވެ. އެގޮތުން ސްމޮރިޗް ހާމަކުރެއްވީ ފަލަސްތީނާއި ދެކޮޅަށް އިޒްރޭލުން ގެންގުޅޭ ނަސްލީ ތަފާތުކުރުމުގެ ޕްލޭނެއް ކަމަށާއި އިޒްރޭލުން މިހާރު ހިންގަމުން އަންނަނީ ބޮޑު ގަތުލްއާންމެއް ކަމަށެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް މެދުކެނޑުމެއް ނެތި ހަމަލާތައް ދެމުން އަންނައިރު އިޒްރޭލުން އަންނަނީ އެއްގަމުން ވެސް ގާޒާ އަށް އަރައިގަނެ ގާޒާގެ ބައެއް ސަރަހައްދުތައް ހިފުމަށް މަސައްކަތް ކުރަމުންނެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 11،000 އަށް ވުރެ ގިނަ މީހުން ފަލަސްތީނުން ވަނީ ޝަހީދުވެފަ އެވެ.