ފަލަސްތީނުގެ ގާޒާގެ އަލް ޝިފާ ހޮސްޕިޓަލުގައި ތިބި ތުއްތު ކުދިން މިސްރަށް ގެންދިޔުމަށް މަސައްކަތް ކުރަމުން އަންނަ މިސްރުގެ ހެލްތު މިނިސްޓަރު ހާލިދު އަބްދުލް ޣައްފާރު ވިދާޅުވެއްޖެ އެވެ.
މިސްރުގެ ހެލްތު މިނިސްޓަރު ވިދާޅުވީ އެ ކުދިން މިސްރަށް ގެނައުމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީއާއެކު މަސައްކަތް ކުރަމުންދާ ކަމަށާއި ވީ އެންމެ އަވަހަކަށް އެ ހޮސްޕިޓަލުގައި އޮތް 36 ތުއްތު ކުއްޖަކު މިސްރުގެ ހޮސްޕިޓަލުތަކަށް ގެންދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ކުދިން މިސްރަށް ގެނައުމަށް ވެންޓިލޭޓަރާއި އެހެނިހެން ސާމާނު ހިމެނޭ 36 އެމްބިއުލާންސް އޮތީ ގާޒާގެ ބޯޑަރު ކައިރީގައި ތައްޔާރަށް ކަމަށާއި އެ ކުދިން ނުގެނެވި ހޭދަވާ ކޮންމެ މިނެޓަކީ ވެސް އެ ކުދިންގެ ފުރާނަ ގެއްލުމުގެ ފުރުސަތު ބޮޑުވާނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

ފާއިތުވި ދުވަސްތަކުގައި ގާޒާގެ އެކި ހޮސްޕިޓަލުތަކަށް ހަމަލާތައް އިޒްރޭލުން އަމާޒުކުރުން އިތުރުކޮށްފައިވާ އިރު ގާޒާގެ ގިނަ ހޮސްޕިޓަލުތަކެއްގެ ހިދުމަތް މިހާރު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ހަނގުރާމަ ހުއްޓާލަން ގިނަ ގައުމުތަކަކުން އިޒްރޭލަށް ގޮވާލި ނަމަވެސް އެގައުމުން ވަނީ ހަނގުރާމަ ހުއްޓާލާނީ ހަމާސް ޖަމާއަތް ބަލިކުރުމަށް ފަހު ކަމަށް ބުނެފަ އެވެ.
އިޒްރޭލުން ފަލަސްތީނަށް ހަމަލާތައް ދެމުން އަންނަތާ މަހެއް ވެފައިވާއިރު މި ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 11،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.