ފަލަސްތީނުގެ ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލު ކަމަށްވާ އަލް ޝިފާ ހޮސްޕިޓަލަށް އިޒްރޭލު ސިފައިން ވަދެގެންފި އެވެ.
އިޒްރޭލު އަސްކަރިއްޔާ އިން ބުނީ ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން އަލް ޝިފާ ހޮސްޕިޓަލުގެ ވަކި ސަރަހައްދެއްގައި ހަމާސް ޖަމާއަތާ ދެކޮޅަށް އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށާއި ހަމާސް އިން އެ ހޮސްޕިޓަލުގެ ތެރޭގައި ތިބެ އަސްކަރީ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށެވެ. އަދި ހޮސްޕިޓަލުގެ ތެރޭގައި ތިބި ހަމާސް ޖަމާއަތުގެ މީހުން އަމާންދިނުމަށް ވެސް އިޒްރޭލު އަސްކަރިއްޔާ އިން ވަނީ ގޮވާލާފަ އެވެ.
އަލް ޝިފާ ހޮސްޕިޓަލުގައި ފިލައިގެން ތިބެ އަސްކަރީ ހަރަކާތްތަކެއް ހަމާސް ޖަމާއަތުން ހިންގާ ކަމަށް އިޒްރޭލާއި އެމެރިކާ އިން ބުނި ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ދެއްކިފައެއް ނުވެ އެވެ.
އިޒްރޭލު ސިފައިން އަލް ޝިފާ ހޮސްޕިޓަލަށް ވަދެގެންފައިވާއިރު އެ ހޮސްޕިޓަލުގައި މިވަގުތު 650 ބަލި މީހުން އެބަ ތިއްބެވެ. އަދި އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ގެދޮރު ދޫކޮށްލަން ޖެހުނު ގާތްގަނޑަށް 7،000 މީހުން ވެސް މިވަގުތު އެ ހޮސްޕިޓަލުގައި ތިބިއިރު މެޑިކަލް ސްޓާފުންގެ ގޮތުގައި 1،000 މީހުން އެބަ ތިއްބެވެ.
އެ ހޮސްޕިޓަލުގައި މިވަގުތު ކަރަންޓް ދެވޭނެ ގޮތެއް ނެތުމާއި އަދި ސިއްހީ ސާމާނު ވެސް ނެތުމާއެކު ގިނަ އަދަދެއްގެ ބަލި މީހުންނަށް ފަރުވާ ކުރުން މިވަގުތަށް ވަނީ ހުއްޓާލާފަ އެވެ.
އިޒްރޭލުން ފާއިތުވި ދުވަސްތަކުގައި ގާޒާގެ އެކި ހޮސްޕިޓަލުތަކަށް ހަމަލާތައް އަމާޒުކުރުން އިތުރުކޮށްފައިވާއިރު ގާޒާގެ 36 ހޮސްޕިޓަލުގެ ތެރެއިން 22 ހޮސްޕިޓަލެއް މިހާރު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.