Last Updated: May 2, 21:46
Friday, May 2, 2025
ޚަބަރު

މެންބަރުންގެ ސުލޫކީ ގަވައިދު އެކުލަވާލަނީ

ރައްޔިތުންގެ މަޖިލީހުގެ ތަޅުން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަބާވާންޖެހޭ ސުލޫކީ ގަވައިދު އެކުލަވާލުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވާ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ޤާނޫނުއަސާސީގެ ދަށުން މުހިންމު މަސައްކަތްތަކާއި މަސްއޫލިޔަތުތަކެއް މަތިކޮށްފައިވާ ތަނެއް ކަމަށެވެ.

މަޖިލީހަކީ ކޮންމެ ދުވަހަކު ސިޔާސީ ކަންތައްތަކެއް ކުރާތަނެއްކަމަށް ބައެއް މެންބަރުން ދެކުނުނަމަވެސް އެއީ އެކަން އޮތްގޮތް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ. ޤާނޫނު ހެދުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި މުހިންމު މަސައްކަތްތައް ކުރެވޭއިރު، މަޖިލީހުގެ ހައިބަތާއި ގަދަރު ހިފެހެއްޓުމަކީ މަޖިލީހުގެ ރައީސްއެކޭ އެއްފަދައިން މެންބަރުންގެވެސް މަސްއޫލިޔަތެއް ކަމަށް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ނިޒާމު ނުގެއްލި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ ބައެއް ފިޔަވަޅުތައް އަޅަން ނިންމާފައިވާކަމަށެވެ. އެގޮތުން ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ހ ގެ 2 ގައި ބަޔާންކުރާ މެންބަރުން އަމަލުކުރަންޖެހޭ ސުލޫކީ ކަންކަމުގެ ގަވައިދު އެކުލަވާލުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެއިތުރުން އަސްލަމް ވިދާޅުވީ، މަޖިލީހަށް ހާޒިރުކުރެވޭ އެކި ފަރާތްތަކަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ މަޖިލީހުން ކުރަންޖެހޭ ކަމެއްކަމަށެވެ. އެހެންކަމުން އެ ފަރާތްތަކަށް މަޖިލީހުގައި ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމަށްވެސް އަސްލަމް އަންގަވާފައިވެއެވެ.