Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ޖެންޑަ މިނިސްޓްރީގެ "ޒޯޔާ" ޕްރީމިއާކޮށްފި

ޖެންޑަ މިނިސްޓްރީގެ "ގެވެށި ގުޅުން" ކެމްޕޭންގެ ތެރެއިން ހެދި ފިލްމު "ޒޯޔާ" ޕްރީމިއާކޮށްފި އެވެ.

މި ފިލްމު އިއްޔެ ހަވީރު އޮލިމްޕަހުގައި ޕްރީމިއާކޮށް ދެއްވީ ފަސްޓްލޭޑީ ފަޒުނާ އަހުމަދެވެ. އެ ހަފުލާގައި ޖެންޑަ މިނިސްޓަރު އައިޝަތު މުހައްމަދީދީގެ އިތުރުން މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވަޑައިގެންނެވި އެވެ.

ދޮޅު ގަޑިއިރުގެ "ޒޯޔާ" އަކީ އާއިލީ ގުޅުންތަކާއި ގެވެށިއަނިޔާ އާއި އެފަދަ އަނިޔާއެއްގެ ޝިކާރަކަށްވާ މީހުންނަށް އާއިލާ ތެރެއިން ލިބެންވާ އެހީތެރިކަމާއި އެއްބާރުލުނުން ނުލިބުން ފަދަ ކަންކަމުގެ ސަބަބުން ދިމާވެދާނެ މައްސަލަތަކަށް އަލިއަޅުވާލައި ހަދާފައިވާ އެއްޗެކެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ މި އަަހަރުގެ ފެބްރުއަރީގައި އޮލިމްޕަހުގައި ދެއްކި "ބީވީމާ" ލިޔެ، ޑައިރެކްޓްކުރި އަހުމަދު ޒަރީރެވެ. އޭނަ މިހާތަނަށް އެކި ފިލްމުތަކާއި ސީރީޒްތަކުގެ ސްކްރީންޕްލޭ ލިޔެފައިވެ އެވެ. ޒަރީރުގެ ސްކްކްރީންޕްލޭއަކަށް މި ފަހުން ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ލޯބިވެވިއްޖެ" އާއި "އަނދިރިކަން" ހިމެނެ އެވެ.

ދާދި ފަހުން މީޑިއާ ނެޓުން ޕްރީމިއާކުރި "ގަރީނާ" އަކީ ވެސް ޒަރީރުގެ ސްކްރީންޕްލެއަކަށް ހެދި ސީރީޒެކެވެ.

"ޒޯޔާ" ޑައިރެކްޓަރަކީ އަޝްހަރު އަލީ އެވެ. މީގެ މައިގަނޑު ކާސްޓުންނަކީ ޝަރާ، އަދުނާން އަދި މުހައްމަދު ސައީދެވެ.

ޖެންޑަ މިނިސްޓްރީން ބުނީ "ޒޯޔާ" ޓީވީ ޗެނެލްތަކުންނާއި ސްޓްރީމްޕްލެޓްފޯމްތަކަށް ވަރަށް އަވަހަށް ދޫކޮށްލާނެ ކަމަށެވެ.