Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

އަހަރެންގެ އެކްޓިން ސްކޫލަކީ ޝާހްރުކް: ޝިލްޕާ

އެކްޓިން ދަސްވީ ސީދާ ޝާހްރުކް ޚާންގެ ފަރާތުން ކަމަށާއި އަބަދު ވެސް ވާނީ އޭނަގެ ވަރަށް ބޮޑު ފޭނަކަށް ކަމަށް ބަތަލާ ޝިލްޕާ ޝެޓީ ބުނެފި އެވެ.

އޭނަ ޝާހްރުކަށް ތައުރީފުކޮށްފައި މި ވަނީ ބޮލީވުޑަށް ތައާރަފުވި ފިލްމު 1993 ގެ "ބާޒީގަރް" ރިލީޒްކުރިތާ މި މަހުގެ 12 އަށް 30 އަހަރު ފުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގަ އެވެ. އޭގައި ޝިލްޕާ ބުނީ އޭނަގެ ފުރަތަމަ ކޯ-އެކްޓަރަކީ ޝާހްރުކް ކަމަށާއި އެކްޓިން ދަސްކުރި ހަމައެކަނި އެކްޓިން ސްކޫލަކީ ވެސް އެއީ ކަމަށެވެ.

އައްބާސް-މަސްތާން ޑައިރެކްޓްކުރި ރޮމޭންޓިކް ތުރިލާގައި ޝާހްރުކް ކުޅުނީ އޭނަގެ ތަނަވަސް އާއިލާ ބަރުބާދުކުރަން ޝިލްޕާ އާއި ކާޖޮލްގެ ބައްޕަ ހިންގި ޖަރީމާތަކަށް ބަދަލުހިފަން، ދެބެއިންނާ ހިތާވާ، މީހެއްގެ ރޯލެވެ. އަދި "ބާޒީގަރް" ގެ އެންމެ ބޮޑު އެއް ޓްވިސްޓަކީ އުސް އިމާރާތެއްގެ މަތިން ޝާހްރުކް، ޝިލްޕާ ވައްޓާލައި މަރާލުމެވެ.

ޝިލްޕާގެ ޕޯސްޓްގައި ވެސް އެ މަންޒަރުގެ ސަބަބުން އޭނަގެ ކެރިއަރަށް ފަހުން އައި ބަދަލަށް ވެސް އިޝާރާތްކޮށްފައިވެ އެވެ.

މިހާރު އުމުރުން 48 އަހަރުގެ ޝިލްޕާގެ އަލަތު ފިލްމު ޝާހްރުކާ އެކީ ކުޅުނު ނަމަވެސް "ބާޒީގަރް" އަށް ފަހު، މި ދެ ތަރިން އެކީގައި އެއްވެސް ފިލްމެއް ކުޅެފައެއް ނުވެ އެވެ.