ބަޖެޓްގެ މަސައްކަތްތައް ހުއްޓޭގޮތަށް މަޖިލީހުގައި ނިޒާމީ ނުކުތާ ނެގުމުގެ ފުރުސަތު ނުދޭނެކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އިއްޔެ މަޖިލީހަށް މިއަހަރަށް ލަފާކުރާ ސަޕްލިމެންޓަރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅިއިރު އެ ބަޖެޓްތަކަކީ މާލިއްޔަތު ޤާނޫނާއި ހިލާފަށް ހުށަހަޅާފައިވާ ބަޖެޓެއް ކަމަށް ބައެއް މެންބަރުން ފާހަގަކޮށްފައިވާކަމަށެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ފަންނީ ބޭފުޅުންނާ މަޝްވަރާ ކުރެއްވިކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ ޤާނޫނުގެ ދަށުން ބޭނުންވާ އެންމެހާ ލިޔެކިޔުން މަޖިލީހަށް ލިބިފައިވާކަމަށް އެ ބޭފުޅުން އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
"އެހެންކަމުން މި މައްސަލައާ ގުޅިގެން އިތުރަށް ނިޒާމީ ނުކުތާނަގާ މަޖިލީހުގެ މަސައްކަތް ހުއްޓުވަން އަޅުގަނޑު ފުރުސަތެއް ނުދޭނެ ވާހަކަ ދަންނަވަން." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ބަޖެޓް ހުށަހަޅާފައިވާ ގޮތާމެދު މެންބަރުންގެ އިތުރު މައްސަލައެއްވާނަމަ އެކަން ތަފްސީލުކޮށް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެފަދައިން ފޮނުވާ ލިޔުންތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަމެއް އޮތްނަމަ އެކަން ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން އަސްލަމް ވިދާޅުވީ ޤާނޫނުގައި ބަޔާންކުރާ މުއްދަތުގައި ބަޖެޓް ހުށަހެޅިފައިނުވާކަމަށް މެންބަރުން ދެކެވަޑައިގަންނަވާ މައްސަލައިގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެކެވަޑައިގަންނަވަނީ މަޖިލީހަށް ފޮނުވުމުން ބަޖެޓް ހުށަހެޅުނީ ކަމަށެވެ. އަދި މަޖިލީހަށް ހާޒިރުވުމަށް އެންގި ދުވަހު ހާޒިރުނުވީ ބަންޑާރަނައިބުގެ ލަފައަށް ކަމަށްވެސް ފިނޭންސް މިނިސްޓަރު ފާހަގަކުރައްވާކަން އަސްލަމް ފާހަގަ ކުރެއްވިއެވެ.
މި މައްސަލައިގައި މަޖިލީހުގެ އިމްތިޔާޒަށް އެއްވެސް ބޭފުޅަކު އަރައިގަނެފައިވާ ކަމަށް މެންބަރުން ދެކެވަޑައިގަންނަވާނަމަ އެކަން ލިޔުމުން ރިޔާސަތަށް ނުވަތަ އިމްތިޔާޒް ކޮމިޓީއަށް ހުށަހެޅުއްވުމަށް ވެސް އަސްލަމް ވަނީ އެދިވަޑައިގެންފައެވެ.
"މި މައްސަލައާ ގުޅިގެން އިތުރަށް ނިޒާމީ ނުކުތާ ނަންގަވާ ދައުލަތުގެ ބަޖެޓް ފާސްނުކޮށް ކުރިއަށް ގެންދާކަށް ޖާގަ ނުދޭނެ ވާހަކަ ވަރަށް ސާފުކޮށް ތިބޭފުޅުންނަށް ދަންނަވަން." އަސްލަމް ވިދާޅުވިއެވެ.