Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ގާޒާގެ ހާލަތަށް ޒިންމާވާން ޖެހޭނީ ހަމާސް

ގާޒާ ނުވަތަ ޖުމްލަކޮށް މުޅި ފަލަސްތީނުގެ މިހާރުގެ ހާލަތަށް ޒިންމާވާން ޖެހޭނީ ހަމާސް އިން ކަމަށް އެމެރިކާގެ ކުރީގެ ސްޓޭޓް ސެކްރެޓަރީ ހިލަރީ ކްލިންޓަން ވިދާޅުވެއްޖެ އެވެ.

ދި އެޓްލާންޓިކަށް އޭނަ އިއްޔެ ގެނެސްދެއްވި ލިޔުމެއްގައި ވިދާޅުވީ ހަމާސް އަކީ ޓެރިސްޓު ޖަމާއަތެއް ކަމަށާއި އެ މީހުން ނައްތައިލަން އިޒްރޭލުން ކުރާ މަސައްކަތް ހުއްޓައިލަން ނުޖެހޭ ކަމަށެވެ. ކުރީގެ ރައީސް ބިލް ކްލިންޓަންގެ އަނބިކަނބަލުން ވިދާޅުވީ ހަމާސް އިން ހިންގާ ޖަރީމާތައް ހުއްޓުވިފައި އޮތް ނަމަ ގާޒާގައި މިހާރު ދެމުންދާ ލޭކޯރުތައް ދެކެން ނުޖެހޭނެ ކަމަށެވެ.

އެހެންވެ އިޒްރޭލުން މިހާރު އެ މީހުންގެ ދިފާއުގައި ކުރާ މަސައްކަތްތައް ހުއްޓުވަން އެމެރިކާގެ މިހާރުގެ ސަރުކާރުން މަސައްކަތް ކުރަން ނުޖެހޭ ކަމަށް ވެސް ހިލަރީ ވިދާޅުވި އެވެ. އޭނަ ވިދާޅުވީ ހަމާސް އަކީ އަބަދު ވެސް އެއްބަސްވުމެއް ހަދައިފި ނަމަ، އެ އެއްބަސްވުމަކާ ހިލާފު ވަމުންދާ ބައެއް ކަމަށެވެ.

އެގޮތުން އެމެރިކާގެ ކުރީގެ ރައީސް ބަރަކު އޮބާމާގެ ދައުރުގައި ސްޓޭޓް ސެކްރެޓަރީއެއްގެ ހައިސިއްތުން މެދުއިރުމަތީގެ ސުލްހައާ ގުޅޭ ގޮތުން ކުރެވުނު މަސައްކަތުގެ ތެރޭގައި 2014 ގައި ހަމަލާތައް ހުއްޓާލަން ވެވެނު އެއްބަސްވުމަކާ ވެސް ހަމާސް ހިލާފުވެފައިވާ ކަމަށް ހިލަރީ ވިދާޅުވި އެވެ.

"އެހެންވީމަ ޖޯ ބައިޑެންގެ ސަރުކާރަކުން ވެސް ނުޖެހޭ ކޮންމެހެން އިޒްރޭލުން ގާޒާ އަށް ދޭ ހަމަލާތައް ހުއްޓުވަން މަސައްކަތްކުރާކަށް،" އޭނަ ވިދާޅުވި އެވެ. "އެކަން އެގޮތަށް ކުރަން ހިތްވަރު ދޭ ނަމަ އެ ދެވެނީ ހަމާސް އަށް ވަރަށް ބޮޑު ހަދިޔާއެއް."

އިޒްރޭލުން މިހާރު ހުއްޓުމެއް ނެތި ފަލަސްތީނަށް ހަމަލާ ދެމުން ދަނީ މިދިޔަ މަހުގެ 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާތަކަކާ ގުޅިގެންނެވެ. އޭގެ ފަހުން ޕަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް ޔަހޫދީ ދައުލަތުން ހިންގަމުންދާ ޖަރީމާތަކުގައި މިހާތަނަށް ފަލަސްތީނުގެ 11،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައިވެ އެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އިޒްރޭލުން ދަނީ ހޮސްޕިޓަލްތަކާއި ރެފިއުޖީ ކޭމްޕްތަކާއި ސްކޫލްތަކާއި އެ ނޫން ވެސް އާންމު އެތައް ތަނަކަށް ހަމަލާދީ، ހަނގުރާމައިގެ ބޮޑެތި ޖަރީމާތައް ހިންގަމުންނެވެ. އަދި މިކަށް ހުޅަނގުގެ ވަރަށް ގިނަ ގައުމުތަކުން އިޒްރޭލަށް ވާގިދެމުން ދެ އެވެ.