ރައްޔިތުންގެ މަޖިލީހުގައި ސަޕްލިމެންޓަރީ ބަޖެޓްގެ ބަހުސް ކުރިއަށްދިޔައިރު ބައެއް މެންބަރުން އިޒްރޭލާ ދެކޮޅަށް އަޑު އުފުލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ސަޕްލިމެންޓަރީ ބަޖެޓްގެ ބަހުސް ކުރިއަށްގެންދިޔައިރު، ސަޔަށް މެދުކަނޑާލި ވަގުތުގައި މަޖިލިސް ކައިރިއަށް އާންމުން އެއްވެ ވަނީ އިޒްރޭލާ ދެކޮޅަށް އަޑުއުފުލާފައެވެ. އެ ވަގުތު މަޖިލީހުގެ ބައެއް މެންބަރުންވެސް ވަނީ ބޭރަށް ނިކުމެ ވަޑައިގެން އިހުތިޖާޖުގައި ބައިވެރިވެފައެވެ.

ސައިގެ ވަގުތަށްފަހު މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިޔައިރު ބައެއް މެންބަރުންވަނީ މަޖިލީހުގައި އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާ ޕޯސްޓަރުތައް މަޖިލީހުގެ ތެރޭގައި ގެންގުޅެފައެވެ. އެގޮތުން އިޒްރޭލުގެ ޕާސްޕޯޓް ގަބޫލުނުކުރުމަށް ބައެއް މެންބަރުން ގޮވާލާފައިވެއެވެ.
މީގެއިތުރުން ބަޖެޓް ބަހުސް ކުރައްވަމުންވެސް ބައެއް މެންބަރުން ވަނީ އިޒްރޭލާ ދެކޮޅު ޕޯސްޓަރުތައް ހިއްޕަވައިގެން ވާހަކަފުޅު ކުރިއަށް ގެންދަވާފައެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި މެންބަރުން ވަނީ އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް އަވަހަށް ކުރިއަށް ގެންގޮސް ގޮތެއް ނިންމުމަށްވެސް ގޮވާލާފައެވެ.