ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ.
ސީޕީ ހަމީދު ރިޓަޔަރ ކުރައްވައިފައިވަނީ އެކަމަށްޓަކައި މިއަދު އިސްކަންދަރު ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ސީޕީ ހަމީދުގެ މިދައުރުގައި ދުނިޔޭގެ ފުލުހުންގެ މުއައްސަސާތަކަށް ބަލާއިރު ހާއްސަކޮށް އިންޓަޕޯލް އިންޓެލިޖެންސް ބަލައިގަންނަ، ގަބޫލުކުރާ އަދި އިތުބާރުކުރާ ފެންވަރުގެ ޚިދުމަތްތަކާއި ކުރެވުނު ބުރަ މަސައްކަތް ވަރަށް ގާތުން ފެނިފައިވާކަމަށެވެ. އަދި ބައިމިލިއަން ހަމަނުވާ ދިވެހި މިގައުމުގެ ފުލުހުންގެ މިފޯސް ލީޑުކުރަމުންގޮސް ސެކަންޑް ޖެނަރޭޝަނަށް މީހުން ތައްޔާރުކުރެވުން އެއީ ވަރަށް ބުރަ، މިންނަތް އަދި ވަރަށް ކޮމިޓެޑް މަސައްކަތްތަކެއްކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އިމްރާން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި، މުއައްސަސާ މިއަދު އަޅައިދީފައި ހުރި ބިންގާތަކުގެ މަތީގައި އެއްވެސްކަހަލަ ފުށުއެރުމެއް ގުޑުމެއް ނެތި ތެދުކޮށް ރަނގަޅަށް ބިނާކުރެވިއްޖެއްނަމަ އަޅުގަނޑުމެން އެދޭކަހަލަ ޚިދުމަތަކަށް ފުލުހުންގެ ޚިދުމަތް ވެގެންދާނެކަމަށެވެ.
މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސްއަށް ޝަރަފުގެ ހަނދާނީ ފިލާ، ރިޓަޔަރމަންޓް ކާޑު އަދި ފުލުހުންގެ ދިދަ އަރުވާފައިވެއެވެ. ޝަރަފުގެ ހަނދާނީ ފިލައަކީ، ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާ ކޮމިޝަނަރުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަރުވާ ފިލައެކެވެ. މި ހަނދާނީ ފިލާގައި ހިމެނެނީ ކޮމިޝަނަރއަށް ލިބިވަޑައިގެންފައިވާ ކުލަތަކާއި، މެޑަލްތައް އަދި ކޮމިޝަނަރ އޮފް ޕޮލިސްގެ ޔުނިފޯމުގައި ހިމެނޭ އައިޓަމްތަކުގެ އިތުރުން ފުލުހެއްކަން އަންގައިދޭ ކާޑެވެ. ރިޓަޔަރމަންޓް ކާޑަކީ ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާ ކޮންމެ ފުލުހަކަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަރުވާ ކާޑެކެވެ. މި ކާޑަކީ ފުލުހުންގެ މުއައްސަސާއިން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވި ބޭފުޅެއްކަން އަންގައި ދިނުމަށާއި، ފުލުހުންގެ މުއައްސަސާއަށް ވެދެވަޑައިގަންނަވާ ކޮންމެ ފަހަރަކުވެސް ބޭނުންފުޅު ކުރެއްވޭނޭ އައިޑެންޓިފިކޭޝަން ކާޑެކެވެ. އަދި މިކާޑަކީ ފުލުހުންނަށް ލިބިދޭ އެހެނިހެން ޚިދުމަތްތައް ވެސް ލިބިގެންދާނެ ކާޑެކެވެ.
މި ރަސްމިއްޔާތުގައިި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު، ދިވެހިރާއްޖޭގައި ތިއްބަވާ އެކި ގައުމުތަކުގެ ޑިޕްލޮމެޓުން، ރާއްޖޭގައި ހުންނަ ޔުނައިޓެޑް ސްޓޭޓްގެ ރެޕްރެޒެންޓޭޓިވް، ބޭރު ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ ސަލާމަތީ ބާރުތަކުގެ މަންދޫބުން، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ކޮމިޝަނަރގެ އާއިލާ މެމްބަރުން ބައިވެރިވެލެއްވިއެވެ.