ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް އައްޔަނުކުރައްވައިފިއެވެ.
އަސްލަމް ޖޭއެސްސީއަށް އައްޔަނުކުރައްވާ ފަތްކޮޅު އަރުވާފައިވަނީ މިއަދު އެކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް މަޖިލިސް ރައީސް އަސްލަމް އައްޔަނުކުރެއްވުމާ ގުޅިގެން، އެމަނިކުފާނު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކުރިފުޅުމަތީގައި ކުރައްވައިފައެވެ.
އަސްލަމަށް ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާންއެވެ. މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަނުކުރެއްވި ކަމުގެ ލިޔުން، މުޙައްމަދު އަސްލަމަށް ވަނީ ހަވާލުކުރައްވައިފައެވެ.