ފިލްމެއްގެ މަންޒަރެއް ނަގަން ތައްޔާރުވަމުން ދަނިކޮށް ފޭނަކު ގާތަށް ހުއްޓި ސެލްފީއެއް ނެގުމުން އިންޑިއާގެ އެކްޓަރު ނާނާ ޕަޓޭކަރް އެ މީހާގެ އެތިފަހަރެއް ޖަހައި މާރާމާރީ ހިންގައިފި އެވެ.
މި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. އޭގައި ފެންނަނީ ގިނަ ބަޔަކު ޖަމާވެފައި އޮތް ތަނެއްގައި ޝޮޓަކަށް ނާނާ ޕަޓޭކަރް ތައްޔާރުވެގެން ހުއްޓައި ޒުވާން ފިރިހެނަކު ގާތަށް ޖެހިފައި ސެލްފީއެއް ނެގުމާ އެކީ ރުޅިގަދެވަފައި އޭނަގެ ބޮލުގެ ފުއްކިބައިގައި އެތިފަހަރެއް ޖަހާ ތަނެވެ.
އަދި ވަގުތު އެތަނުން އެހެން މީހަކު އެ ޒުވާނާ ދުރަށް ގެންދާ ތަން ފެނެ އެވެ.
މި ހާދިސާ ހިނގާފައި ވަނީ ޑައިރެކްޓަރު އަނިލް ޝަރުމާގެ ފިލްމު "ޖާނީ" ގެ ސެޓްގަ އެވެ. މީގެ ޝޫޓިން މިދިޔަ ހަފުތާއިން ފެށިގެން ކުރިއަށް ދަނީ ވަރާނާސީގަ އެވެ. އޮގަސްޓް މަހު ރިލީޒްކުރި ސަނީ ޑިއޯލްގެ "ގަދަރު 2" އަށް ފަހު، އަނިލް ހަދާ ފިލްމުގައި ނާނާ ޕަޓޭކަރާ އެކީ، ޑައިރެކްޓަރުގެ ދަރިފުޅު އުތުކާޝް ޝަރުމާ ވެސް ހިމެނެ އެވެ.
ޝޫޓިންގެ ތެރޭގައި ނާނާ ޕަޓޭކަރް، 72، ފޭނެއްގެ ގައިގައި ޖެހި އިރު، އޭނަ އަކީ އަބަދު ވެސް ވަރަށް ރުޅިގަދަ ކަމަށް މަޝްހޫރު އެކްޓަރެކެވެ. އަދި އޭނަ އަކީ 2018 ގެ ތެރޭގައި ބޮލީވުޑުން ފެންމަތިވި ޖިންސީ ގޯނާގެ މައްސަލަގަނޑުގެ ތެރެއިން ތުހުމަތުތަކެއް ކުރެވި، ފިލްމީ މަސައްކަތްތަކުން ބާކީ ވެސް ވި އެކްޓަރެކެވެ.