ދޮންދަރި ބަތަލާ ސާރާ އަލީ ޚާންގެ މައެއްގެ ރޯލު ފިލްމެއް ކުޅެފާނެ ކަމަށް ބަތަލާ ކަރީނާ ކަޕޫރް ބުނެފި އެވެ.
ރޭ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ސްޓްރީމިން އަށް ދޫކޮށްލި، ކަރަން ޖޯހަރްގެ ޗެޓް ޝޯ، "ކޮފީ ވިތު ކަރަން 8" ގެ ހަތަރު ވަނަ އެޕިސޯޑްގައި ފަހަރި އަދި މަޝްހޫރު ބަތަލާ އާލިއާ ބަޓާ އެކީ މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ކަރީނާ ވަނީ ކަރަން ކުރި ވަރަށް ގިނަ ސުވާލުތަކަށް ޖަވާބު ދީފަ އެވެ.
އެގޮތުން ފިލްމެއްގައި ސާރާގެ މައެއްގެ ރޯލު ކުޅެން އޮފާކޮށްފި ނަމަ އެ ފުރުސަތުގެ ބޭނުން ހިފައިފާނެތޯ އެހުމުން ކަރީނާ ބުނީ އޭނަ އަކީ އެކްޓަރެއް ކަމަށާއި ކޮންމެ ކަހަލަ ރޯލެއް ވެސް ކުޅެން ތައްޔާރު ކަމަށެވެ.
"އެކަމަކު އެ ރޯލަކީ ވަރުގަދަ ރޯލަކަށް ވާން ޖެހޭނެ." ކަރީނާ ބުންޏެވެ.
މާނަ އަކީ އެއްބަސްވާނަމޭތޯ އެހުމުން ކާމިޔާބު ބަތަލާ ބުނީ "އެކްޓްކުރަން ލިބޭ ފުރުސަތުތަކަށް އަބަދު ވެސް މަރުހަބާ ކިޔާނެ" ކަމަށެވެ.
މިހާރު އުމުރުން 28 އަހަރުގެ ސާރާ އަކީ ކަރީނާގެ ފިރިމީހާ އެކްޓަރު ސައިފް އަލީ ޚާންގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދޮށީ ދަރިފުޅެވެ. ސާރާ ބޮލީވުޑަށް ނުކުތީ 2018 ގެ "ކޭދަރުނާތު" އިންނެވެ. ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނަ އިބްރާހީމް އަލީ ޚާން، 22، އާއި ސާރާގެ މަންމަ އަކީ ބަތަލާ އަމްރިތާ ސިންގް އެވެ.
ސައިފް، 53، އާއި އަމްރިތާ، 65، ވަރިވީ 2004 ގަ އެވެ. އަދި ސައިފާއި ކަރީނާ، 43، ކައިވެނިކުރީ 2016 ގަ އެވެ. އެ ކައިވެންޏަށް ދެ ފިރިހެން ކުދިން ލިބިފައިވެ އެވެ. ކަރީނާ އާއި ދޮންދަރިންނާ މެދު އަބަދު ވެސް ވަރަށް ގާތް ގުޅުމެއް އޮވެ އެވެ.