Last Updated: May 2, 21:46
Friday, May 2, 2025
ޚަބަރު

އިތުބާރު ލިބިފައިވާ ތަނަކަށް މަޖިލިސް ހަދަން ބޭނުން

މެންބަރު މުހައްމަދު އަސްލަމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ މަޖިލީހަކަށް ހަދަން ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ މުހިންމު މަސައްކަތްތަކެއް ކުރުމަށް މަތިކޮށްފައިވާ މުއައްސަސާއެއް ކަމަށެވެ. މަޖިލީހުގެ މެންބަރުންގެ އިތުރުން ގިނަ އިދާރީ މުވައްޒަފުންވެސް މަސައްކަތްކުރާކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ 25 ބިލެއްގެ މަސައްކަތް މިވަގުތުވެސް މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮތް ކަމަށެވެ.

މަޖިލީހުން ރައްޔިތުންނާ ގުޅުންހުރި މަސައްކަތްތައް ކުރަމުންދާއިރު މަޖިލީހަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހަދަން ވަރަށް ބޭނުންވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ ރައީސްއެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް ބޭނުންވެއޭ، ރައްޔިތުންގެ މަޖިލީހަކީ މިއީ ރައްޔިތުންގެ ހަގީގީ އިތުބާރު ލިބިފައިވާ މަޖިލީހަކަށްވުން." އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ ތަޅުމުގައި މެންބަރުން އަމަލުކުރާނެ ސުލޫކީ މިންގަނޑެއް އަދި ހަރުދަނާ އުސޫލުތަކެއް ކަނޑައެޅިފައި ނެތްކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ މަޖިލިސް އިތުރަށް ހަރުދަނާ ކުރުމަށް އެ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ. އަދި މި ބަދަލުތައް ގެނެވޭނީ މެންބަރުންގެ އެއްބާރުލުމާ އެކުކަމަށްވެސް ވިދާޅުވިއެވެ.