Last Updated: May 11, 14:43
Sunday, May 11, 2025
ޚަބަރު

ގައުމީ ޤުރުއާން މުބާރާތް އަންނަ އަހަރުގެ ކުރީކޮޅު

ގައުމީ ޤުރުއާން މުބާރާތް އަންނަ އަހަރުގެ ކުރީކޮޅު ބާއްވަން ނިންމައިފި އެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ 36 ވަނަ ގައުމީ ޤުރުއާން މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ފެބްރުއަރީ 23 އިން މާޗް 2 އަށް ކަމަށެވެ.

މުބާރާތް ކުރިއަށް ގެންދާނީ ތިން ގިންތިއަކަށެވެ. އެއީ ހާފިޒުންގެ ބައި، ސްކޫލު ކުދިންގެ ބައި، އަދި މުއައްސަސާތަކުގެ ބައެވެ. އަދި މި މުބާރާތުގެ ކިޔެވުން ވެސް ކުރިއަށް ދާނީ ތިން ބަޔަކަށެވެ. އެއީ ފޮތުން ކިޔެވުމުގެ ބަޔާއި ހިތުން ކިޔެވުމުގެ ބައިގެ އިތުރުން، ހާފިޒުންގެ ބައެވެ. މި މުބާރާތާ ބެހޭ އިތުރު މައުލޫމާތު ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުހެ ވެބްސައިޓް chq.gov.mv އިން ލިބޭނެ އެވެ.

ގައުމީ ޤުރުއާން މުބާރާތަކީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވި 35 ވަނަ މުބާރާތުގައި 121 މުއައްސަސާއަކުން 1،022 ބައިވެރިން ވާދަކުރި އެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ބާއްވަމުން އަންނަނީ 1980 އިން ފެށިގެންނެވެ.