Last Updated: May 2, 21:46
Friday, May 2, 2025
ޚަބަރު

2024 ގެ ބަޖެޓް ބަހުސް އަންނަ ހަފްތާގައި ފަށަނީ

2024 ގެ ބަޖެޓް ފޮތް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރަށް ލަފާކުރާ ދައުަލަތުގެ ބަޖެޓްގެ ބަހުސް އަންނަ ހަފްތާގައި މަޖިލީހުގައި ފަށާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓްގެ މަސައްކަތް މިހާރުވެސް މަޖިލީހުގެ ކޮމިޓީގައި ކުރިއަށްދާ ކަމަށެވެ. އަދި ވީހާވެސް އަވަހަށް އެ މަސައްކަތް ނިންމުމަށްފަހު ތަޅުމަށް ފޮނުވުމަށް ކޮމިޓީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެއިތުރުން އަސްލަމް ވިދާޅުވީ މަޖިލިސް ގަވައިދު ބުނާ ހަތް ދުވަސް ހަމަކުރުމަށްފަހު، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސް މަޖިލީހުގައި ފެށިގެންދާނެ ކަމަށެވެ. އެހެންކަމުން އަންނަ ހަފްތާގެ ތެރެއަށް 2024 ގެ ބަޖެޓް ބަހުސް އެޖެންޑާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް ދައުރު ނިންމާލުމުގެ ކުރިން ބަޖެޓްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް." އަސްލަމް ވިދާޅުވިއެވެ.

2024 ވަނަ އަހަރަށް ހުށަހަޅާފައިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެތެރެއިން ޚަރަދުގެ ގޮތުގައި 47.3 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި 2024 ވަނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާ ކޮށްފައިވަނީ 33.5 ބިލިއަން ރުފިޔާއެވެ.

ބަޖެޓުގެ 70.2 އިންސައްތަ ނުވަތަ 34,803.7 މިލިއަން ރުފިޔާ ހިނގާނެކަމަށް ލަފާކޮށްފައިވާނީ ރިކަރަންޓް ހަރަދަށެވެ. ރިކަރަންޓް ޚަރަދުގެ ބޮޑުބައެއް ޚަރަދުކުރެވެނީ މުވައްޒަފުންގެ މުސާރައާއި، ސަބްސިޑީއާއި އެހީއަށެވެ. އެގޮތުން، 2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރުގެ ބަޖެޓުގެ ރިކަރަންޓް ޚަރަދު 7.5 އިންސައްތަ އިތުރުވާނެކަމަށް އަންދާޒާކުރެވޭ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ބަޖެޓުގެ 29.8 އިންސައްތަ ޚަރަދުކުރުމަށް ރޭވިފައިވަނީ ކެޕިޓަލް ޚަރަދަށެވެ. މީގެ ތެރެއިން، 8.6 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 17.5 އިންސައްތަ ޚަރަދުކުރަނީ ޕީއެސްއައިޕީއަށެވެ. މީގެ ތެރޭގައި ބަޖެޓުގައި ހިމަނައިގެން މިހާރުވެސް ކުރިއަށްދާ ހުރިހާ މަޝްރޫއަކާއި، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަޖެޓުގައި ހިމަނަން ހުށަހެޅުއްވި މަޝްރޫއުތައް ހިމެނޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.