Last Updated: May 2, 21:46
Friday, May 2, 2025
ޚަބަރު

އޭސީސީގެ އެންގުމަށް ފްލެޓްތައް ހަވާލުކުރުން ހުއްޓާލައިފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅަމުން ދިޔަ ފްލެޓު އިމާރާތެއް - ފޮޓޯ: ރައީސް އޮފީސް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެންގުމަށް "ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ހުއްޓާލައިފިއެވެ.

ހައުސިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، "ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން މާލެ ސަރަހައްދުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް މިވަގުތު ކުރިއަށް ނުގެންދިއުމަށް އޭސީސީން އަންގާފައިވާ ކަމަށެވެ.

އެހެންކަމުން މި ސްކީމްގެ ދަށުން ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތާއި ގުޅިގެން އޭސީސީން ވަކިގޮތެއް އަންގަންދެން ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކުރަން ނިންމާފައިވާ 4،000 ފުލެޓުގެ މައްސަލައިގައި އޭސީސީން ވަނީ މީގެކުރިން ހައުސިން މިނިސްޓްރީއަށްވެސް ވަދެފައެވެ.

"ގެދޮރުވެރިޔާ ސްކީމު" ގެ ދަށުން ފުރަތަމަ 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓް އާންމުކުރުމާ އެކީ ފެންމަތިވި ޝަކުވާތަކާއި ކަންބޮޑުވުންތަކާ ގުޅިގެން އެ ފްލެޓްތައް ހަވާލުކުރުން މަޑުޖައްސާލަން އޭސީސީން ނޮވެމްބަރު 5 ވަނަ ދުވަހުވެސް އެންގިއެވެ. އެހެންނަމަވެސް މިނިސްޓްރީން އޭގެފަހުންވެސް ވަނީ ފްލެޓާ ގުޅޭ އެކިއެކި މަސައްކަތްތައް ކުރިއަށް ގެންގޮސްފައެވެ.