އެމަނިކުފާނުގެ ކަމަކާ ހެދި މަޖިލިސް ނުހުއްޓޭނެކަމަށާއި، މެޖޯރިޓީ މެންބަރުން ސޮޔާއެކު މަގާމުން ވަކިކުރަން ހުށަހަޅާ ހިސާބުން މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދިގުލައިގެން ދިޔައީ މަޖިލީހުގެ ގަވައިދުގައި ހުރި އުނިކަމެއްގެ ސަބަބުންކަން ފާހަގަކޮށް ގަވައިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރައްވާނަންތޯ ސުވާލު ކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލަ ދިގުލައިދިޔައީ މަޖިލިސް ގަވައިދު މާނަކުރުމުގައި ދިމާވި ކަމަކާ ގުޅިގެން ކަމަށާއި، އެނޫން ގޮތަކަށްވެސް ގަވައިދު މާނަކުރެވިދާނެ ކަމަށް ދެކިލައްވާ ކަމަށެވެ. އެ މައްސަލަ އެހިސާބަށް ދިޔައީ ގާނޫނާ ގަވައިދުގެ މައްސަލައިން އެކަނި ނޫން ކަމަށާއި ބައެއްފަހަރު އަމަލުކުރެވޭ ގޮތުންވެސް އެފަދަ ކަންކަން ދިމާވާ ކަމަށް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމަށް މަޖިލީހުގެ މެޖޯރިޓީ މެންބަރުން ސޮއިކޮށް މައްސަލަ ހުށަހަޅާކަން އެނގޭ ހިސާބުން މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.
"އަޅުގަނޑާ ހެދިއެއް މަޖިލީހުގެ މަސައްކަތް ހުއްޓިގެން ދާކަށް ނުޖެހޭނެ." އަސްލަމް ވިދާޅުވިއެވެ.
މީގެއިތުރުން ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މަޖިލީހުގެ މަސައްކަތް މިހާރަށްވުރެއް ހަލުއިކުރުމަށް މަޖިލީހުގެ ގަވައިދަށް ގެނެވިދާނެ ބައެއް ބަދަލުތަށް އެބަހުރި ކަމަށެވެ. އެގޮތުން އަވަސްކުރަންޖެހޭ ކަންކަން އަވަހަށް ނިންމޭނެގޮތަކަށް މަގުފަހިވެފައި އޮތުން މުހިންމުކަން ފާހަގަކުރެއްވިއެވެ.