އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހަށް ދިޔަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޓީމަށް އެ އޮފީހުގެ ބައެއް އިސްވެރިން ހުރަސްއަޅާފައިވާ ކަމަށް އޭސީސީން ބުނެފިއެވެ.
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހަށް އޭސީސީގެ ޓީމެއް ދިއުމުން އެ ޓީމަށް ހުރަސްއެޅުމުގެ އިތުރުން، އޭސީސީގެ ތަހުގީގަށް އެހީތެރިވެދިން އެ އޮފީހުގެ 3 މުވައްޒަފަކު ވަނީ އޮފީހުން ސަސްޕެންޑް ކޮށްފައެވެ.
އޭސީސީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، އިންތިގާލީ އިންސާފުގެ އޮފީހަށް ދިޔަ އޭސީސީގެ ޓީމަށް އެ އޮފީހުގެ ބައެއް އިސްވެރިން ހުރަސްއަޅާ، ތަހުގީގަށް އެ އޮފީހުން އެއްބާރުލުންދިން މުވައްޒަފުންގެ މަސައްކަތަށް ހުރަސްއަޅާ، މުވައްޒަފުންނަށް ދީފައިވާ ބައެއް އެކްސެސްތައް ކަނޑާލާ، އެ މުވައްޒަފުން ވަޒީފާގެ މަސްއޫލިޔަތުން ސަސްޕެންޑްކޮށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އޭސީސީން ބުނެފައިވެއެވެ.
އޭސީސީން ބުނެފައިވަނީ އެ ކޮމިޝަންގެ ތަހުގީގު ޓީމުން އިންތިގާލީ އޮމްބަޑްސްޕާސަން އޮފީހަށް ގޮސް ހިންގާ ތަހުގީގަކަށް ބޭނުންވާ ލިޔެކިޔުމާއި މައުލޫމާތު ހޯދުމުގެ މަރުހަލާގައި، އެ އޮފީހުން އާންމުންނަށް ދެމުންދިޔަ ހިދުމަތްތަކަށް ބުރޫއަރާފާނެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ.
އޭސީސީގެ ބަޔާނުގައި އެ ކޮމިޝަނުން ފަސްޖެހުމެއްނެތި މަސައްކަތްކުރަމުންދަނީ ޤާނޫނުއަސާސީންނާއި ޤާނޫނުން ކޮމިޝަނާއި މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ކަމަށެވެ.