އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރެއްވުމަށް މާދަމާ ބާއްވަވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަތުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ނިންމަވައިފިއެވެ.
އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރައީސް ޔާމީނަށް ދައުވަތު ފޮނުވާފައެވެ. އެހެންނަމަވެސް އެ ޖަލްސާގައި ބައިވެރިނުވުމަށް ރައީސް ޔާމީން ނިންމެވީ ޖަލު ހުކުމެއްގައި ހުންނެވުމުންނެވެ.
އެގޮތުން ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު އެފަދަ ކަރާމާތްތެރި، އަދި ހައިބަތުބޮޑު ޖަލްސާއެއްގައި ބައިވެރިވުމަކީ، އެ ޖަލްސާގެ ކަރާމާތާއި ހައިބަތަށް އުނިކަން ލިބޭނޭ ކަމެއް ކަމަށް ރައީސް ޔާމީނަށް ފެނިވަޑައިގަންނަވާތީ ޖަލްސާގައި ބައިވެރިނުވާން ނިންމީ ކަމަށް މައުލޫމާތު ދީފައިވެއެވެ. އަދި އެއީ ތަހުޒީބީ މުޖުތަމަޢުތަކުގައި ވެސް ޤަބޫލުކުރާ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ރައީސް ޔާމީނަށް ފެނިވަޑައިގަންނަވާ ކަމަށްވެސް ބުނެފައިެވއެވެ. އެހެންކަމުން ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަތުމަށް ނިންމަވައި ރައީސް ޔާމީންގެ ފަރާތްޕުޅުން މިއަދު އެކަން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދަންނަވައިފައެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާއިރު އެމަނިކުފާނު މިވަގުތު ހުންނެވީ މާލޭ ބަންދަށް ބަދަލު ކޮށްފައެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުއެވެ.