Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

"ދަ ގްރޭޓް އިންޑިއަން ފެމިލީ" އެމެޒޯން ޕްރައިމަށް

މިދިޔަ ސެޕްޓެމްބަރު މަހު ރިލީޒްކުރި ވިކީ ކޯޝަލްގެ ފެމިލީ ކޮމެޑީ ޑްރާމާ "ދަ ގްރޭޓް އިންޑިއަން ފެމިލީ" މިއަދު އެމެޒޯން ޕްރައިމް ވީޑިއޯ އަށް ދޫކޮށްލައިފި އެވެ.

މި ފިލްމަކީ ޔާޝްރާޖް ފިލްމްސް ވައިއާރްއެފް އިން ޕްރޮޑިއުސްކޮށް ވިޖޭ ކްރިޝްނާ އަޗާރިއާ (ވިކްޓާ) ލިޔެ، ޑައިރެކްޓްކުރި ފިލްމެކެވެ. އޭނަ އަކީ "ދޫމް 3" އާއި "ތަގްސް އޮފް ހިންދުސްތާން" ގެ ވެސް ޑައިރެކްޓަރެވެ.

ބެލުންތެރިންގެ ފަރާތުން މާ ބޮޑު ތަރުހީބެއް ނުލިބޭ "ދަ ގްރޭޓް އިންޑިއަން ފެމިލީ" ގައި ވިކީއާ އެކީ ބަތަލާގެ ރޯލު ކުޅުނީ 2017 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރެވެ. މިއީ އޭނަގެ ދެވަނަ ފިލްމެވެ. މަނޫޝީ ބޮލީވުޑަށް ތައާރަފުކުރީ ވައިއާރްއެފުން މިދިޔަ އަހަރު ގެނެސްދިން އަކްޝޭ ކުމާރުގެ "ޕްރިތުވީ ސަމްރާޓް" އިންނެވެ.

ޖުމްލަ 40 ކްރޯޑް ރުޕީސް (5 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ދަ ގްރޭޓް އިންޑިއަން ފެމިލީ" އަކީ ފިލްމު ހަދަން ކުރި ހޭދަ ވެސް ނުލިބޭ ފިލްމެކެވެ. ބޮކްސް އޮފީހުގައި މި ފިލްމަށް ހޯދުނި އެންމެ 7.58 ކްރޯޑް ރުޕީސް އެވެ.

މި ފިލްމަކީ މި އަހަރު ރިލީޒްވި ވިކީގެ ދެވަނަ ފިލްމެވެ. ޖޫންގައި ރިލީޒްކުރި އޭނަ އާއި ސާރާ އަލީ ޚާންގެ "ޒަޒަ ހަޓްކޭ، ޒަރަ ބަޗްކޭ" އަކީ ފުދޭ ވަރެއްގެ ރަނގަޅު ތަރުހީބެއް ލިބުނު ފިލްމެކެވެ. މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާގެ ދެ ފިލްމެއް އަންނަ މަހު ސިނަމާތަކަށް އަންނަން އެބައޮތެވެ. އެއީ އަންނަ މަހުގެ 1 ގައި ރިލީޒްކުރާ ވޯ ބައޮގްރަފިކަލް ޑްރާމާ "ސޭމް ބަހާދޫރު" އާއި ވިކީ ސަޕޯޓިން ރޯލެއް ކުޅެ، އަންނަ މަހުގެ 21 ގައި ރިލީޒްކުރާ ޝާހްރުކް ޚާންގެ "ޑަންކީ" އެވެ.