Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

ބެކަމް ބޮލީވުޑްގެ ފަންނާނުންނާ އެކީ

އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް މި ވަގުތު ހުރީ އިންޑިއާގަ އެވެ. އޭނަގެ އިންޑިއާ މި ދަތުރަކީ މިހާރު ކުރިއަށްދާ ކްރިކެޓް ވޯލްޑް ކަޕްގެ މެޗްތަކެއް ބަލާލަން ކުރާ ދަތުރެކެވެ.

މި ދަތުރުގެ ތެރެއިން އެންމެ ހާއްސަ ކަމަކަށް ފެނުނު އެއް ކަމަކީ ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރާއި ފިރިމީހާ އާނަންދު އަހޫޖާ، ބެކަމް އަށް ހާއްސަކޮށްގެން އިއްޔެ ރޭ ބޭއްވި ޑިނާ ޕާޓީ އެވެ. އެ ހަފުލާ އަށް ބޮލީވުޑްގެ ބައެއް ފަންނާނުންނަށް ދައުވަތު ވެސް ދިނެވެ.

އެހެންވެ ވަރަށް ގިނަ ތަރިންގެ އިންސްޓަގްރާމުން މިހާރު ފެންނަނީ ބެކަމްއާ އެކީ އެ މީހުން ނަގާފައިވާ ފޮޓޯތަކެކެވެ. އެގޮތުން ދުނިޔޭގެ މަޝްހޫރު ލެޖެންޑަކާ އެކީ އަމިއްލަ ގައުމުގައި ތިބެގެން ފޮޓޯއެއް ނަގާލަން ލިބުމުގެ އުފާ ވަރަށް ގިނަ ތަރިން ހިއްސާކޮށްފައިވެ އެވެ.

ބެކަމް އަށް ހާއްސަކޮށްގެން މުމްބާއީގައި ބޭއްވި ޕާޓީގައި ބައިވެރިވި މީހުންގެ ތެރޭގައި އަރުޖުން ކަޕޫރާއި އޭނަގެ ލޯބިވެރިޔާ މަލައިކާ އަރޯރާ އާއި ޝާހިދު ކަޕޫރްގެ ދެމަފިރިންނާއި ޑައިރެކްޓަރު/އެކްޓަރު ފަރުހާން އަޚްތަރުގެ ދެމަފިރިންނާއި އަނިލް ކަޕޫރާއި ޝަނާޔާ ކަޕޫރާއި ކަރިޝްމާ ކަޕޫރާއި އަދި ސަންޖޭ ކަޕޫރް ހިމެނެ އެވެ.

މިހާރު އުމުރުން 48 އަހަރުގެ ބެކަމް އަކީ އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ބޭންޑް "ސްޕައިސް ގާލްސް" ގެ މެންބަރެއް ކަމަށްވާ ވިކްޓޯރިއާ ބެކަމްގެ ފިރިމީހާ އެވެ. އެ ދެ މީހުންނަށް ހަތަރު ދަރިން ލިބިފައިވާ އިރު، ބެކަމްގެ ދޮށީ ދަރިފުޅު ބްރޫކްލީން ބެކަމް ވަނީ މިދިޔަ އަހަރު ކައިވެނި ވެސް ކޮށްފަ އެވެ.

ބެކަމް އަކީ އާޖެންޓީނާގެ މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނަލް މެސީ މިހާރު ކުޅެމުން އަންނަ އެމެރިކާގެ ޓީމް، އިންޓަ-މަޔާމީގެ ހިއްސާދާރެއްގެ އިތުރުން އެ ކުލަބްގެ ރައީސެވެ.