Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

ސްނޫޕް ބުނަނީ ދުންފަތާ ދުރުވަނީ ކަމަށް!

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ނިންމާފައިވާ ކަމަށް އެމެރިކާގެ މަޝްހޫރު ރެޕާ ސްނޫޕް ޑޯގް ބުނެފި އެވެ.

މެރުއާނާ އަށް ދެވިހިފާފައިވާ އަދި އެކަމާ ހެދި ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ 52 އަހަރުގެ ފަންނާނު އިންސްޓަގްރާމާއި އެކްސްގައި އާންމުކުރި ޕޯސްޓެއްގައި ބުނީ ވަރަށް ބޮޑަށް ވިސްނުމަށް ފަހު އާއިލާއާ ވެސް މަޝްވަރާކޮށް ދުންފަތާ ދުރުވާން ނިންމީ ކަމަށެވެ. އެހެންވެ މި ދަނޑިވަޅުގައި އޭނަގެ ޕްރައިވެސީ އަށް ފޭނުން އިހުތިރާމުކުރަން އެދޭ ކަމަށް ވެސް ބުނައިފައިވެ އެވެ.

ސްނޫޕް ދުންފަތާ ދުރުވާން ނިންމި ކަމަށް ބުނުމުން އެކަން ގަބޫލުކުރަން ބައެއް ފޭނުން ދެކޮޅު ހަދައި، އެކަމަށް ފާޑު ވެސް ކިޔާފައިވެ އެވެ. އެގޮތުން ބައެއް މީހުން ބުނެފައި ވަނީ މިއީ އޭނަގެ ކެނަބިސް ކުންފުނި "ލީފް ބާއި ސްނޫޕް" ގެ މާކެޓިން ސްޓަންޓެއް ކަމަށެވެ. އަދި ބައެއް މީހުން ބުނީ ސްނޫޕް ދުންފަތާ ދިރުވެއްހެ ކަމަށް ބުނުމަކީ ދުނިޔެ ފެނާ ނުލައި އޮތް ކަމަށް ބުނުން ކަހަލަ ކަމެއް ކަމަށެވެ.

"އަދި މިއީ ތިކަލަހަ ދޮގުތަކެއް ހަދަން އެޕްރީލް ފޫލްއެއް ވެސް ނޫން." ފޭނަކު ބުނެފައިވި އެވެ.

މިދިޔަ އަހަރު ސްނޫޕް ވަނި އޭނަ އަށް ފުއްމާގެ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ބުނެފަ އެވެ. އޭނަ 2013 ގައި ދީފައިވާ އިންޓަވިއުއެއްގައި ދުވާލެއްގެ މައްޗަށް މަދުވެގެން 80 ކެނަބިސް ބޭނުންކުރާ ކަމަށް ބުނެފައިވެ އެވެ. ސްނޫޕްގެ މިއުޒިކާއި ލަވަތަކުގައިގެ މި އެޑިކްޝަންގެ ވާހަކަތައް ވަރަށް ބޮޑަށް ކިޔައި ދީފައި ވެސް ހުރެ އެވެ.

އަސްލު ނަމުން ނަމަ ކަލްވިސް ބްރޯޑަސް އަކީ މިހާތަނަށް 19 އަލްބަމް ނެރެފައިވާ ފަންނާނެކެވެ. އޭނަގެ ފުރަތަމަ އަލްބަމަކީ 1993 ގެ "ޑޮގީ ސްޓައިލް" އެވެ. އޭނަގެ ކުރިިއަށް އޮތް އަލްބަކީ މި މަހުގެ 24 ގައި ނެރެން ތާވަލުކޮށްފައި އޮތް "މިޝަނަރީ" އެވެ.