ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް، ކާމިޔާބީއަށް އެދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސިޓީފުޅެއް ފޮނުއްވައިފިއެވެ.
އަބްދުﷲ ޝާހިދު ވިދާޅުވީ އެމަނިކުފާނު އޮފީހުން ނިކުމެވަޑައިގަތީ އާ ފޮރިން މިނިސްޓަރު ޒަމީރަށް ތަހުނިޔާގެ ސިޓީފުޅެއް ދޫކުރެއްވުމަށް ފަހު ކަމަށެވެ. ޝާހިދު ވަނީ އެ ސިޓީ ސޯޝަލްމީޑިއާގައި ހިއްސާވެސް ކުރައްވާފައެވެ.
ޝާހިދުގެ ސިޓީގައި ވަނީ މިނިސްޓަރު ޒަމީރަށް ތަހުނީއާއި މުބާރަކު ބާދީ ދަންނަވާފައެވެ. އަދި ވިދާޅުވީ ފޮރިން މިނިސްޓްރީއަކީ 90 އަހަރުގެ ދިގު މާޒީއެއް އޮތް މުވައްސަސާއެއް ކަމަށާއި، މިހާރު އެ މުވައްސަސާ ހިނގަމުންދަނީ ޤާނޫނެއްގެ ދަށުން ކަމަށެވެ.
"މި ވުޒާރާގެ ވަޒީރުކަމުގެ މަޤާމަށް މަނިކުފާނަކީ ނުހަނު ޤާބިލް އަދި ހަމައެހާމެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއްކަމުގައި އަޅުގަނޑު ދެކެމެވެ." ޝާހިދުގެ ސިޓީގައި ބުނެފައިވެއެވެ.
ޝާހިދު ސިޓީގައި އިތުރަށް ވިދާޅުވީ ޚާރިޖިއްޔާގައި މިހާރު ތިއްބެވި މުވައްޒަފުންނަކީ ޕްރޮފެޝަނަލް، ކަމަށް ޤާބިލު ހިވާގި އިޚްލާސްތެރި މުވައްޒަފުންކަމަށެވެ. އަދި ޚާރިޖީ ދާއިރާއިން ހޯދިފައިވާ ކުރިއެރުމެއްވާނަމަ އެކުރިއެރުމެއް ހޯދިފައިވަނީ މި ޓީމުގެ ސަބަބުން ކަމަށެވެ.
މީގެއިތުރުން މިނިސްޓަރު ޒަމީރުގެ ލީޑާޝިޕްގެ ދަށުން ރާއްޖެ ބައިނަލްއަޤްވާމީ އާއުސްމިންތަކަށް ގެންގޮސްދޭނެކަމަށް ޔަގީންކުރާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
Before I left my office, I left a letter of congratulations to my successor, H.E. @MoosaZameer wishing him well and success in his role as Foreign Minister.
My sincere best wishes to Minister Zameer. pic.twitter.com/cH3zQoakfA
— Abdulla Shahid (@abdulla_shahid) November 18, 2023
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ ޒަމީރަކީ ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.