Last Updated: June 17, 18:14
Tuesday, June 17, 2025
ޚަބަރު

މުއިއްޒަކީ މިއަދު ދިވެހީންގެ އެންމެ ބޮޑު އުންމީދު

ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުއަކީ މިއަދު ދިވެހީންގެ އެންމެ ބޮޑު އުންމީދު ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސޯޝަލްމީޑިއާގެ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ރައީސުލްޖުމްޙޫރިއްޔާކަމުގެ ހުވާ ކުރެއްވި ހިނދުން ފެށިގެން ދިވެހީންނަށް ހިތްހަމަޖެހުމުގެ އިހުސާސް ކުރެވެން ފަށައިފި ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ހުވާކުރެއްވުމަށް ޖުމްހޫރީ މައިދާނުގެ މާހައުލުގައި ކުރިޔަށް ދިޔަ ރަސްމިއްޔާތުގައި ރައްޔިތުންނާ މުޚާތަބު ކުރައްވާ ދެއްކެވި ޖޯޝުންފުރިގެންވާ ވަތަނީ ވާހަކަފުޅުން އެމަނިކުފާނުގެ ހިތްޕުޅުގައި ޤައުމާއި ރައްޔިތުންނަށް އޮތްލޯބި ހާމަކޮށްދޭ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"ރައީސް ޑރ. މުޢިއްޒުގެ އާސަރުކާރުން ކުރަންހުރި ކަންކަން ލައްކަ ބައިވަރެވެ. ރައީސްގެ ހުރިހާ ވަޢުދުފުޅުތަކެއް އެހުރީ ބަހުން ބަހަށް އަދި އަކުރުން އަކުރަށް ދެލިކުރެވި 953 ގަނޑުގެ ބޯފޮތެއްގައި ޝާއިއު ކުރެވިފައެވެ. އެއީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅުތަކަށް ފުރަގަސް ނުދެއްވާނެކަމުގެ ދަލީލެކެވެ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ދެފުށްފެންނަ ވެެރިކަމެއް ކުރައްވާނެކަމުގެ ޔަޤީންކަމަށާއި، މިއަދު ދިވެހީންގެ އެންމެބޮޑު އުންމީދަކީ ރައީސް މުއިއްޒު ކަމަށެވެ. އަދި އެމަނިކުފާން ތަފާތު ދައްކަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.