Last Updated: May 2, 11:41
Thursday, May 2, 2024
ޚަބަރު

ފުށިދިއްގަރުފަޅު 30 ދުވަސްތެރޭ ހިއްކަން ފަށަނީ

ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ފަށާނެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މާލޭގައި ތަރައްގީ ކުރި އާ ގަޑިބުރު އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށާއި އެ މަސައްކަތް ނިންމާލާނީ 8 މަސް ދުވަހުގެ ތެރޭގައި ކަމަށެވެ.

"އެއީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމާ ވާވަރުގެ ޖާގައިގެ ތިން ގުނަ ބޮޑު ޖާގައެއް ވީމާ ވަރަށް ބިޔަވާނެ. 1،200 ހެކްޓަރު ގާތްގަނޑަކަށް ހުންނާނެ،" ރައީސް ވިދާޅުވި އެވެ.

އެވަރުގެ ބޮޑު ފަޅެއް ހިއްކަނީ ދިވެހިންނަށް ގެދޮރުވެރިކަން ހައްލުކޮށްދިނުމަށްޓަކާ ކަމަށާއި މި ސަރުކާރުން އެންމެ ބޮޑަށް ހައްލުކުރަން ބޭނުންވާ ކަމަކީ ވެސް ގެދޮރުވެރިކަން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. މިފަދަ ބޮޑު މަޝްރޫއެއް މާލެ އަށް ހާއްސަކުރީ އެންމެ ގިނަ ބަޔަކު އުޅެނީ މާލެ ސަރަހައްދުގައި ކަމަށްވާތީ ކަމަށާއި ފުޑިދިއްގަރުފަޅު ހިއްކުމުގެ އިތުރަށް މިހާރު ހިނގަމުންދާ ގިރާވަރުފަޅާއި ގުޅިފަޅުގެ މަޝްރޫއު އިތުރަށް ފުޅާކޮށް އޭގެ ތަނަވަސްކަން އިތުރުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ތިލަމާލެ ބްރިޖުގެ މަސައްކަތް އަވަސް ކުރަން ވެސް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށާއި އެކަމުގައި އިންތިގާލީ މަރުހަލާގައި ލިބުނު މައުލޫމާތުތަކުގެ އަލީގައި ވަޒީރުން މަސައްކަތް ފަށައިގަންނާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ކަންކޮޅެއްގައި ގެދޮރުވެރިކަމަށް ޖެހިފައި ހުރި ރައްޔިތަކު ނެތް މިންވަރު ކުރުން ކަމަށާއި އެއްވެސް ރަށެއް ސަރުކާރުން ބާކީ ނުކުރާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.