Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

އިންޑިއާ ސިފައިން ނުގޮސްފި ނަމަ ވާނީ ހިސާރުކުރާ ބަޔަކަށް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެ ގައުމަށް އަނބުރާ ގެންދަން އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް އެދިވަޑައިގެންފައިވާ އިރު، އެކަމަށް އިޖާބަ ނުދީފި ނަމަ ބެލެވޭނީ އިންޑިއާ ސިފައިން ރާއްޖެ ހިސާރުކޮށްގެން ތިބީ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އުމަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެ އިން ފޭބުމަށް އާ ސަރުކާރުން އެންގުމުން އެ މީހުން ޖެހޭނީ ސުލްހަވެރިކަމާ އެކީ ފައިބަން ކަމަށެވެ.

"އެ މީހުން [އެކަމާ] ދެކޮޅު ހަދާ ނަމަ ބެލެވޭނީ ހިސާރުކުރާ ބާރެއްގެ ގޮތުގައި." އުމަރު ވިދާޅުވި އެެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ވީހާ ވެސް އަވަހަކަށް ރާއްޖެ ފޮނުވާލުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެކެވެ. އަދި ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެކަމަށް މަސައްކަތްކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވެފައިވެ އެވެ. އެގޮތުން ރައީސްގެ ހުވާގެ ރަސްމިއްޔާތަށް އިންޑިއާ ސަރުކާރުން ވަޑައިގެންނެވި އާތު އެންޑް ސައިންސް މިނިސްޓަރު ކިރެން ރިޖޫއާ އިއްޔެ ބައްދަލުކުރައްވައި މުއިއްޒު ވަނީ އިންޑިއާ ސިފައިން ގެންދަން ރަސްމީކޮށް އެދިވަޑައިގެންފަ އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ނަމަވެސް އެއީ ކިހާ އަދަދެއް ކަމަށް ސާފެއް ނުވެ އެވެ.