ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ބޭރުގެ މާކެޓްތަކުގައި ނަގާ ފީ ކުޑަކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ވަފުދަކާއެކު މަޝްވަރާ ކުރައްވައިފިއެވެ.
ރައީސް ޑރ. މުއިއްޒު އެމެރިކާގެ ވަފުދާ ބައްދަލުކުރައްވާފައިވަނީ އިއްޔެ މެންދުރުއެވެ. އެމެރިކާގެ ވަފުދުގެ އިސްވެރިންގެ ގޮތުގައި ހިމެނެނީ ހިމެނިވަޑައިގަންނަވަނީ އެމެރިކާގެ އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް)ގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރއެވެ. މި ބައްދަލުކުރެެއްވުމުގައި ދިވެހި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ބޭރުގެ މާކެޓްތަކުގައި ނަގާ ފީ ކުޑަކުރުމުގެ މުހިންމުކަމާއި، ކާނާގެ ރައްކާތެރިކަން އިތުރުކުރުމަށް ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމާއި، އަދި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ ފަންޑު ހަމަޖެއްސުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމާއި، އިޤްތިޞާދު އާރާސްތުކުރުމާއި، ނޭޗަރ ޕާކްތައް ރައްކާތެރިކޮށް ދެމެހެއްޓުން ފަދަ ކަންކަމަކީ އެހީތެރިކަމާ އެއްބާރުލުން ބޭނުންވާ މުހިންމު ދާއިރާތައްކަން ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
މީގެއިތުރުން މި ބައްދަލުވުމުގައި ދެޤައުމު ގުޅިގެން މިހާރު ކުރިއަށްގެންދާ ޕްރޮގްރާމުތައް އެއަށްވުރެ ފުރިހަމައަށް ގެންދެވޭނެ ގޮތްތަކާއި، ކުރިމަގުގައި ކުރިއަށްގެންދާނެ ޕްރޮގްރާމުތައް ބައްޓަންކުރާނެ ގޮތްތަކަށާއި، އަދި ދެ ޤައުމުން އިސްކަންދޭ ދޭދޭ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.