ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އަދި ބޭކާރު ހަރަދު ވެސް ނުކުރާ ސަރުކާރަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ކޮރަޕްޝަނާއި ބޭކާރު އިސްރާފު ނުކުރާ، ރާއްޖޭގެ ދަރަނި ކުޑަކުރާ އަދި ހެޔޮލަފާ ސަރުކާރެއް މުއިއްޒު ހިންގަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"މުއިޒް ގެ ރިޔާސަތުގައި ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ފޮނުވާލައްވައި، މަސްކަނޑުން ގެއްލިގެން ދިޔަ ސަރަހައްދު އަނބުރާ ހޯއްދަވައި، ޑްރަގާ ގޭންގް ކުށްތަކުން މި ޤައުމު ސަލާމަތް ކޮށްދެއްވާނެ ކަމަށް އުއްމީދުކުރަން." އުމަރު ވިދާޅުވި އެވެ.
އުމަރުގެ ޕޯސްޓްގައި ވަނީ މުއިއްޒަށާއި ސަރުކާރުގެ ހުރިހާ ވަޒީރުންނަށާއި، އެކިއެކި މަގާމުތަތަކާ ހަވާލުވެވަޑައިގަތް ބޭފުޅުންނަށް މަރުހަބާ ވެސް ވިދާޅުވެފަ އެވެ.
މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުންނަށް ދެއްވާ ޔަގީން ކަމަކީ ވައްކަމާއި ކޮރަޕްޝަނާ ދުރު އަދި ރައްޔިތުން ބޭނުން ކަންކަން ކޮށް ދެއްވައި ނަތީޖާ ނެރޭ، ދުވެލި ހަލުވި، ސަރުކާރެއް ހިންގަވާނެކަމެވެ. އަދި އެކަމަށް ވަޒީރުން ވެސް ތިއްބެވީ ކެތްމަދުވެފައި ކަމަށް ވިދާޅުވެފައިވެ އެވެ.
ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ މި ސަރުކާރުގެ ސިޔާސީ މަގާމުތައް 700 އަށް ވުރެ ގިނަ ނުވާނެ ކަމަށެވެ. ކެބިނެޓްގައި ހިމެނެނީ 22 ވަޒީރުންނެވެ.