Last Updated: May 2, 12:12
Thursday, May 2, 2024
ޚަބަރު

އިސްލާމީ ނަޒަރަކުން ތިމާވެއްޓާ ބެހޭ ދިރާސާއެއް

އިސްލާމިކް މިނިސްޓަރ އައިޔޫއެމް އިސްވެރިންނާއި އެކު ބޭއްވި ބައްދަލުވުން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމީ ނަޒަރަކުން ތިމާވެއްޓާއި ބެހޭ ދިރާސާއެއް އިސްލާމިން ޔުނިވާސިޓީ މޯލްޑިވްސްއިން ކުރިއަށް ގެންދިއުމަށް މަޝްވަރާ ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ޢަލީ ސަޢިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝަހީމް މިހެން ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީއަށް މިއަދު ކުރެއްވި ޒިޔާރަތައް ފަހުގައެވެ. އެ ޒިޔާރަތާއި ގުޅޭގޮތުން އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިރާސާ ކުރުމަށް ރައީސް ގޮވާލައްވާފައިވާ ކަމަށެވެ. އެހެން ކަމުން މިނިސްޓްރީން ފަންޑުކޮށްގެން އިސްލާމީ ނަޒަރީއްޔާތަކުން ތިމާވެއްޓާއި ގުޅޭ ދިރާސާއެއް ހެދުމާއި ގުޅޭގޮތުން މިއަދު މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އެ ޔުނިވާސިޓީއަށް މީހުން ބިނާ ކުރުމަށް ޕީއެޗްޑީ ޕްރޮގްރާމެއް ފަންޑު ކުރުމަށްވެސް މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވިއެވެ.


މިއަދު މިނިސްޓަރ އަދި އިސްލާމިކް މިނިސްޓްރީގެ ޓީމާއެކު އައިޔޫއެމްގެ އިސްވެރިންނާއި ބައްދަލު ކުރައްވާފައިވާއިރު، އެ ޔުނިވާސިޓީގެ އައު އިމާރާތެއް ބިނާ ކުރުމުގެ ތަޞައްވަރާއި މެދުވެސް މަޝްވަރާތަކެއް ކުރިއަށް ދިޔަކަން ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން އިސްލާމިކް ޔުނިވާސިޓީގެ ސަރަހައްދީ ސެންޓަރުތައް މެދުވެރިކޮށް ދީނީ ތަޢުލީމު ކުރިއެރުވުމާއި ގުޅޭގޮތުން ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް އިސްލާމިކް މިނިސްޓްރީން ފާހަގަ ކުރިއެވެ.

އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާއާއި ޑރ. ޝަހީމް ޢަލީ ސަޢިދު ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ ނިންމެ އެއް ކަމަކީ، ތިނަދޫ އިސްލާމީ މަރުކަޒު އައިޔޫއެމްގެ ކޯސްތައް ހިންގަން ދިނުމެވެ.