ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ހާލަތުގައި ރިޔާސަތު ބަލަހައްޓާނެ މެންބަރުން ކަނޑައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ވާހަކަ ދައްކަވަމުން ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ރައީސް އަދި ނައިބު ރައީސް ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ހާލަތުގައި ރިޔާސަތު ބަލަހައްޓާނެ 5 މެންބަރުން ކަނޑައަޅާފައިވާކަމަށެވެ.
ރިޔާސަތު ބަލަހައްޓާނެ މެންބަރުންނަކީ:
1. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު
2. މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިިބްރާހިމް
3. އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް
4. ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
5. ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު
އަސްލަމް ވިދާޅުވީ ރިޔާސަތު ބަލަހައްޓާނެ މެންބަރުންގެ ތަރުތީބު ކަނޑައަޅާފައިވަނީ މަޖިލިސް ގަވައިދުގެ 44 ވަނަ މާއްދާގެ ހ އަދި ނ އަށް އިސްކަން ދީގެން އެ މެންބަރުންގެ މެންބަރު ކަމުގެ މުއްދަތަށް އިސްކަން ދީގެން ކަމަށެވެ.
މަޖިލީހުގެ ގަވައިދު 44 ވަނަ މާއްދާގެ ނ ގައި ބުނެފައިވަނީ، ރިޔާސަތު ބަލަހައްޓާނެ 5 މެންބަރުން ކަނޑައެޅުމުގައި އެ މެންބަރުންގެ ތަރުތީބު ކަނޑައަޅާނީ، އެ 5 މެންބަރުންގެ މެންބަރު ކަމުގެ މުއްދަތަށް އިސްކަން ދީގެން ކަމަށެވެ. އަދދި މެންބަރުކަމުގެ މުއްދަތު ދެ މެންބަރެއްގެ ދޭތެރޭގައި ހަމަހަމަވެއްޖެ ހިނދެއްގައި، އެފަދަ މެންބަރުން ތަރުތީބުކުރާނީ މެންބަރުންގެ އުމުރުގެ ދޮށީކަމަށް އިސްކަން ދީގެން ކަމަށެވެ.