މި އަހަރުގެ ކްރިކެޓް ވޯލްޑް ކަޕްގައި އިންޑިއާ ބަލިކޮށް، އޮސްޓްރޭލިއާ އިން ޗެމްޕިއަންކަން ހޯދައިފި އެވެ.
ކްރިކެޓަށް މަރުދޭ އިންޑިއާގެ އަހުމަދުއާބާދުގެ ނަރެންދުރަ މޯދީ ސްޓެޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗްގައި އޮސްޓްރޭލިއާ ވިދާލައި، މުބާރާތުގެ ޓްރޮފީ އުފުލާލި އިރު، އިންޑިއާ އަކީ މި ފަހަރުގެ މުބާރާތުގައި ވަރަށް ވަރުގަދަ އަށް ހިފަހެއްޓި ގައުމެކެވެ. ނަމަވެސް އެންމެ ފަހު ވަގުތު، މުބާރާތް ނާކާމިޔާބީއަކުން ނިންމައިލަން ޖެހުމުން އިންޑިއާ އަށް ވަރަށް ބޮޑު މާޔޫސްކަމެއް ލިބިފައިވެ އެވެ.
ކްރިކެޓް ވޯލްޑް ކަޕްގެ 13 ވަނަ މުބާރާތް އޮސްޓްރޭލިއާ ކާމިޔާބުކުރި އިރު، މިއީ އެ ގައުމު މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހަ ވަނަ ފަހަރެވެ.
އިންޓަނޭޝަނަލް ކްރިކެޓް ކައުންސިކް (އައިސީސީ) އިން އިންތިޒާމުކޮށްގެން ބާއްވާ ކްރިކެޓް ވޯލްޑް ކަޕްގައި މި ފަހަރު 10 ގައުމަކުން ވާދަކުރި އެވެ. މުބާރާތް އިންޑިއާގައި ބޭއްވި އިރު، އެ ގައުމާ އެކީ ވާދަކުރި ގައުމުތަކަކީ އޮސްޓްރޭލިއާ، ޕާކިސްތާން، ސްރީ ލަންކާ، ބަންގްކަދޭޝް، ނިއު ޒީލޭންޑް، ދެކުނު އެފްރިކާ، އިނގިރޭސިވިލާތް އަދި ނެދަލޭންޑްސް އެވެ.
މުބާރާތުގެ ކުޅުން މިދިޔަ މަހުގެ 5 އިން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔައީ އިންޑިއާގެ 10 ސިޓީއެއްގަ އެވެ. އެއީ މުމްބާއީ، ޕޫނޭ، ލަކްނޯ، ކަލްކަތާ، ހައިދަރުއާބާދު، ދަރަމްޝާލާ، ނިއު ދިއްލީމ ޗެންނާއީ ބެންގަލޯރް އަދި އަހުމަދުއާބާދެވެ.
ކްރިކެޓް ވޯލްޑް ކަޕް ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު އެވެ. ދެހާސް ހަތާވީހުގެ މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ އެފްރިކާ ބައްރުގަ އެވެ.
ދެހާސް ނަވާރައިގެ މުބާރާތުގެ ޗެމްޕިއަނަކީ އިނގިރޭސިވިލާތެވެ.