އިޒްރާއީލުން ފަލަސްތީނުގެ އެކި ސަރަޙައްދު ތަކަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތަށް ކުއްވެެރިކޮށް އެހަމަލާތަށް ވަގުތުން ހުއްޓާލުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ގަރާރުގެ ބަހުސް ފަށައިފިއެވެ.
މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިންއެވެ.
ސައުދު ހުށަހަޅާފައިވާ ގަރާރުގައި ގޮވާލާފައިވަނީ އިޒްރާއީލުން ފަލަސްތީނުގެ އެކި ސަރަޙައްދު ތަކަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތަށް ކުއްވެެރިކޮށް އެހަމަލާތަށް ވަގުތުން ހުއްޓާލުމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރާއީލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތަށް ކުށްވެރިކޮށް އެއަނިޔާތަށް ހުއްޓާލާ ފަލަސްތީނުގައި އިންސާނީ ހައްޤުތަށް ކަށަވަރުކޮށް، އިޒްރާއީލުން ފަލަސްތީނުގެ ކިބައިން ފޭރިގެންފައިވާ އެންމެހާ ބިންތަކުން ފައިބާ އަދި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށެވެ.
މީގެއިތުރުން މި ގަރާރުގައި ވަނީ އިޒްރޭލުގެ އަނިޔާތަކާއި ދެކޮޅު ހެދުމުގެ ގޮތުން ރާއްޖެއަށް އިޒްރޭލު ރައްޔިތުން އެތެރެވުން މަނާކުރުމާއި އިޒްރޭލުގައި އުފައްދާ އަދި އެގައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ގޮވާލާފައެވެ.
މި ބަހުސްގައި ބައެއް މެންބަރުން އަންނަނީ އިޒްރޭލުގެ ލާ އިންސާނީ އަނިޔާތައް ކުށްވެރިކޮށް އިޒްރޭލާ ދެކޮޅަށް އަޑުއުފުލުގައި ސަރުކާރާއި މަޖިލީހުން އިތުރަށް މަސައްކަތް ކުރުމަށް ގޮވާލަމުންނެވެ.
ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ އިޒްރޭލު މީހުން ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހެއް ވެސް ހުށަހަޅާފައެވެ. މި އިސްލާޙު ހުށަހަޅާފައިވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)އެވެ.