Last Updated: May 2, 10:39
Friday, May 2, 2025
ޚަބަރު

މިނިިވަންކަމުގެ ރޫހާއި ހަމާސް ވެސް ނައްތާ ނުލެވޭނެ

މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިނިިވަންކަމުގެ ރޫހު ނައްތާ ނުލެވޭނެ ކަމަށާއި، ފަލައްތީނުގެ ރައްޔިތުންގެ ހައްޤުގައި ޖިހާދު ކުރާ 'ހަމާސް' ނައްތާ ނުލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަނީ އިޒްރާއީލުން ފަލަސްތީނުގެ އެކި ސަރަޙައްދު ތަކަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތަށް ކުށްވެެރިކޮށް އެހަމަލާތަށް ވަގުތުން ހުއްޓާލުމަށް ގޮވާލާ ގަރާރުގެ ބަހުސް ކުރިއަށް ގެންދަމުންނެވެ.

އެ ބަހުސްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ފަލަސްތީނުގެ މައްސަލަ އަބަދުވެސް ފާހަގަކުރެވިފައިވަނީ ބޭއިންސާފުގެ ތިލަފަތްމަތީގައި އޮތް މައްސަލައެއްގެ ގޮތުގައި ކަމަށެވެ. ޣައްޒާގައި މިއަދު ކުޑަކުދިންނާއި އާންމުން މަރާ، ތަންތަން ލޫޓުވާ ސުންނާފަތިކޮށް ހަޟާރަތެއް ނައްތާލަމުންދަނީ އިންސާފުންކަމަށް އެއްވެސް މީހަކަށް ނުބުނެވޭނެ ކަމަށް ވިދާޅުވިއެވެ.

އިޒްރޭލުން ޣާއްޒާއަށް ހަމަލާދީ ހޮސްޕިޓަލްތަކަށް ހަމަލާދިނުމަށްފަހު އެ ހަމަލާތަކަކީ ހަމާސްއާ ދެކޮޅަށް ދޭ ހަމަލާތަކެއްކަމަށް ބުނާކަމަށާއި އެހެންނަމަވެސް ހޮސްޕިޓަލުތަކުން އިޒްރޭލުން ބުނާފަދަ ހަމާސްގެ ކޮންޓްރޯލް ސެންޓަރުތައް ނުފެންނަކަން ދުނިޔޭގެ މީޑިއާތަކުންވެސް ހާމަކުރަމުންދާކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

"މިއަކު ޝައްކެއް ނެތް، ހަމާސްއެއް ފިލުވައެއް ނުލެވޭނެ، ނައްތައެއް ނުލެވޭނެ. އެއީ އިޒްރޭލަށްވެސް އަދި މުޅި ހުޅަނގުގެ ހުރިހާ ބާރަކަށްވެސް ވާންއޮތްކަމެއް ނޫންކަން އިންސާނިއްޔަތު އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކު މިއަންނަނީ ދައްކަމުން. މިނިވަންކަމުގެ ރޫހަކީ އިންސާނާގައިން ނައްތާލެވޭނެ އެއްޗެއް ނޫން. އެކަމަށްޓަކައި އިންސާނާ އަބަދުވެސް ނިކުންނާނެ، އޭނާ އަބަދުވެސް ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންދާނެ، އޭނާ ނިމެންދެން އެ މަސައްކަތް ކުރާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝިދު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން ކުރާ ޖިހާދަކީ މުޅި އިންސާނިއްޔަތުގެ ޖިހާދެއް ކަމަށާއި އެއީ އަޅުގަނޑުމެން އެންމެންގެވެސް ހަނގުރާމަ ކަމަށެވެ.

ހަމާސް ބާކީކުރުމަށް މީގެކުރިން އަރަބި ދުނިޔޭގެ ގައުމުތަކާ ހުޅަނގުން ގުޅުން ބަދަހިކުރިކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އެއީ ބޮޑު ގޯހެއް ކަމަށާއި ހަމާސް ބާކީ ނުކުރެވޭނެ ކަމަށެވެ.