ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ޑރ. މުއިއްޒުގެ ވަޒިރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ 22 ވަޒީރުންނެވެ. އެ ބޭފުޅުން މަގާމަށް އައްޔަނު ކޮށްފައިވަނީ 17 ނޮވެމްބަރުގައެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މަޖިލީހަށް މިއަދު ފޮނުއްވާފައިވާ ކަމަށެވެ.
ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ ނ އަދި ރ ގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވައި، ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރާ އެހެން މެންބަރުން އެ މަޖިލީހަށް ޢައްޔަންކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދާންވާނެ ކަމަށެވެ. އަދި ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހުންގެ ނަންތައް، އެމީހުން އައްޔަންކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާންވާނެއެވެ.